އެމްޑީޕީއަށް 2023 ރިޔާސީ އިންތިޚާބު ގެއްލުނު ގޮތް އަމީރުގެ ދުލުން
2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ނާކާމިޔާބުވީ، ރައީސް މުހައްމަދު ނަޝީދާ ނުލައި އިންތިހާބު ކާމިޔާބު ކުރަން ބޭނުންވުމާއި، އޭރުގެ ޕާޓީގެ ލީޑަޝިޕުގައި ތިއްބެވި ބޭފުޅުންގެ "އީގޯ" ނުވަތަ ބޮޑާކަމުގެ ސަބަބުން ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.
އަމީރު މިހެން ވިދާޅުވީ ގދ. ގައްދޫގައި މިހާރު ކުރިއަށްދާ އެމްޑީޕީގެ "ބޮޑު ބަދަލު" ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ. މި ޖަލްސާގައި ރައީސް މުހައްމަދު ނަޝީދާއި، އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްގެ އިތުރުން ޕާޓީގެ ލީޑަޝިޕްގެ ގިނަ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.
2023 ގެ ރިޔާސީ އިންތިހާބުން ބަލިވި ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، އޭރުގެ ލީޑާޝިޕުން ނިންމީ ރައީސް ނަޝީދާ ނުލައި ކުރިއަށްދިއުމަށް ކަމަށެވެ. އަދި ރައީސް ނަޝީދަށް ލިބޭނީ އެންމެ 3،000 އެއްހާ ވޯޓު ކަމަށް އޭރުގެ ބައެއް ބޭފުޅުން ގަބޫލުކުރެއްވި ކަމަށް އަމީރު ފާހަގަކުރެއްވިއެވެ.
ނަމަވެސް، އޭރުވެސް ފައްޔާޒު އިސްމާއިލް އެކަމާ ދެކޮޅަށް ވާހަކަ ދެއްކެވި ކަމަށް އަމީރު ވިދާޅުވިއެވެ. "ކުރީގެ ޗެއަރޕާސަން ފައްޔާޒު އިސްމާޢީލް އޭރުވެސް ބުނީ އެހާ ދެރަނުކުރައްޗޭ. ހަމަ ޔަޤީނުންވެސް ފަނަރަހާސް ނޫނީ ވިހިހާސް ވޯޓް އެންމެ މަދުވެގެން ރައީސް ނަޝީދު ހޯއްދަވާނެކަމަށް އޭރުވެސް ފައްޔާޒު ވިދާޅުވި،" އަމީރު ވިދާޅުވިއެވެ.
އަމީރު އިތުރަށް ވިދާޅުވީ، ރައީސް ނަޝީދާ ވަކިވުމަށް ނިންމި ނިންމުމަކީ އެމްޑީޕީގެ ހަޔާތުގައި ނިންމި އެންމެ ހިތާމަވެރި ނިންމުން ކަމަށް ފައްޔާޒު އޭރުވެސް ވިދާޅުވި ކަމަށެވެ. އަދި އެ ނިންމުމުގެ ސަބަބުން އެންމެން ދެރަވާނެ ކަމުގެ އިންޒާރު ފައްޔާޒު ދެއްވި ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ކުރިއަށް އޮތް އިންތިހާބުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، ހުވަދޫގެ އެންމެން އެއްކޮށް ތިބެ 12 ޖޫން 2026 ގައި އޮންނަ ޗެއާޕާސަން އިންތިޚާބު 95 އިންސައްތަ ތާއީދާއެކު ކާމިޔާބު ކުރާނެ ކަމަށެވެ.






ރިއެކްޓް