ޚަބަރު , ވިޔަފާރި

ލިކުއިޑިޓީ ދަށްވެ ފިޗުން ބީއެމްއެލްއަށް 'ސީސީސީ-' ރޭޓިންއެއް

8 ޖޫން 2026 - 09:44
ލިކުއިޑިޓީ ދަށްވެ ފިޗުން ބީއެމްއެލްއަށް 'ސީސީސީ-' ރޭޓިންއެއް

ރާއްޖޭގެ މާލީ ނިޒާމަށް ކުރިމަތިވެފައިވާ ބޭރު ފައިސާގެ ދަތިކަމާއި ލިކުއިޑިޓީ ރިސްކުތަކާ ގުޅިގެން، ދުނިޔޭގެ މަޝްހޫރު ކްރެޑިޓް ރޭޓިން އެޖެންސީ ފިޗް ރޭޓިންގްސް އިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަށް 'ސީސީސީ-' (CCC-) ރޭޓިންއެއް ދީފިއެވެ.

މިއީ އެ އެޖެންސީން ބީއެމްއެލް ރޭޓްކުރި ފުރަތަމަ ފަހަރު ކަމަށްވާއިރު، މި ރޭޓިން އިން ދައްކުވައިދެނީ ބޭންކަށް އޮތް ކްރެޑިޓް ރިސްކު ބޮޑުވުމާއި އިގްތިސާދީ ނާޒުކު ހާލަތަށް ބޭންކު ހުށަހެޅިފައިވާ މިންވަރެވެ.

ފިޗް އިން ފާހަގަކޮށްފައިވާ ގޮތުގައި ބީއެމްއެލްގެ ރޭޓިންއަށް އެންމެ ބޮޑު ނުފޫޒެއް ފޯރުވަނީ ރާއްޖޭގެ ސޮވެރިން ރޭޓިންއެވެ. ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމާއި، ބޭރު ފައިސާ ލިބުމުގައި ހުރި ދަތިތަކުގެ ސަބަބުން ބޭންކިން ނިޒާމަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށް އެ އެޖެންސީން ބުނެއެވެ. އަދި ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ބޭރު ފައިސާ ލިބޭ 'ޕެރަލަލް މާކެޓެއް' އޮތުމަކީ އިގްތިސާދަށް އޮތް ބޮޑު ބުރައެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.

ބީއެމްއެލް އިން ލޯނު ދޫކުރާ މިންވަރު 2025 ވަނަ އަހަރު 23 އިންސައްތައަށް އިތުރުވެފައިވާކަން ފިޗްގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މިއީ އޭގެ ކުރީ އަހަރުގެ 3.7 އިންސައްތައާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. ފަތުރުވެރިކަމާއި، އިމާރާތްކުރުން ފަދަ ނާޒުކު ދާއިރާތަކަށް ލޯނު ދޫކުރާ މިންވަރު އިތުރުވުމަކީ ކުރިމަގުގައި ކްރެޑިޓް ރިސްކު ބޮޑުވެދާނެ ކަމެއް ކަމަށް އެ އެޖެންސީން އިންޒާރު ދެއެވެ. އަދި ނުދައްކާ ހުރި ލޯނުތަކުގެ ނިސްބަތްވެސް 6.9 އިންސައްތައިން 7.8 އިންސައްތައަށް އުފުލިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ބޭންކުގެ ކެޕިޓަލް ޕޮޒިޝަން ވަރުގަދަ ނަމަވެސް، އެކަނި އެކަމުން ބޭންކަށް އޮތް ނުރައްކާ ކުޑަނުވާނެ ކަމަށް ފިޗް އިން ބުނެއެވެ. 2025 ވަނަ އަހަރުގެ ނިޔަލަށް ބީއެމްއެލްގެ ކޮމަން އިކުއިޓީ ޓިއަރ 1 (CET1) ރޭޝިއޯ ހުރީ 45.1 އިންސައްތައިގައެވެ. ނަމަވެސް، ބޭރު ފައިސާގެ ލިކުއިޑިޓީ ނުވަތަ ފައިސާ ދައުރުވުމުގައި ހުރި ގޮންޖެހުންތަކަކީ ބޭންކުގެ ރޭޓިން މަތިވުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

ބީއެމްއެލް އަކީ ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ބޭންކަކަށް ވީނަމަވެސް، ބޭންކަށް ދިމާވާ މާލީ ކާރިސާއެއްގައި އެހީތެރިވުމުގެ ގާބިލުކަން ސަރުކާރުގެ ކިބައިގައި މިވަގުތު ނެތް ކަމަށް ފިޗް އިން ނިންމާފައިވެއެވެ. މީގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ބޭރު ފައިސާގެ ރިޒާވް ދަށްވުމެވެ. އެހެންކަމުން، ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ބަލައިގެން ރޭޓިންއަށް އެއްވެސް ކުރިއެރުމެއް ދީފައެއް ނުވެއެވެ.

ނިންމުމެއްގެ ގޮތުން ފިޗް އިން ބުނެފައިވަނީ، ބީއެމްއެލްގެ ރޭޓިން ރަނގަޅުވާނީ ރާއްޖޭގެ ސޮވެރިން ރޭޓިން ރަނގަޅުވެގެން ކަމަށެވެ. މި ރިޕޯޓަކީ ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާ ދަނޑިވަޅެއްގައި، އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިކަން ހާމަކޮށްދޭ ރިޕޯޓެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0