ބޮޑުތަކުރުފާނު މަގުގެ ފުޅާ ކުރި ސަރަހައްދު ހުޅުވައިފި
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ބޮޑުތަކުރުފާނު މަގު ފުޅާކޮށް ތާރު އެޅުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. މި މަޝްރޫއުގެ ދަށުން އެންމެ ފުރަތަމަ ނިންމާފައިވަނީ އެމްއެމްއޭ ސަރަހައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް ހިމެނޭ ސެގްމެންޓެވެ. އޭގެ ފަހުން މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އެމްއެމްއޭއާ ހަމައަށް އޮތް ސަރަހައްދުގައެވެ.
މި ސަރަހައްދު ތަރައްގީކޮށްފައިވަނީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކޮށްގެންނެވެ. މަގުގެ ރީތިކަން އިތުރުކުރުމުގެ ގޮތުން މަގުގެ އަރިމަތީގައި ދިވެހި ރުައް އިންދާފައިވެއެވެ. މި ބަދަލާއެކު މަގުގެ ޖާގަ ތަނަވަސްވެ، ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އަލަށް ހުޅުވާލި ސަރަހައްދުގައި ޕާކުކުރުން މަނާވާނެ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. މަގުމަތީގައި ޕާކުކުރުން މަނާކުރި ނަމަވެސް، ސައިކަލުތައް ޕާކުކުރުމަށްޓަކައި ފަސް ނަމްބަރު ޖެޓީއާ ދިމާލުން ބޭރަށް އިތުރު ސަރަހައްދެއް ވަނީ ހިއްކާފައެވެ. ސަރުކާރުން ބުނާ ގޮތުގައި މި ސަރަހައްދުގައި އެއްފަހަރާ 500 ސައިކަލު ޕާކުކުރެވޭނެއެވެ.
މީގެ އިތުރުން، މާލޭގެ އެތެރޭގެ މަގުތައް ތަރައްގީކުރުމުގެ ބޮޑު މަޝްރޫއެއް ޗައިނާ ސަރުކާރުގެ ހިލޭ އެހީގައި ކުރިއަށްގެންދިއުމަށް ވަނީ ރޭވިފައެވެ. މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ސަރުކާރުން މިހާރު ލަފާކުރެއެވެ.






ރިއެކްޓް