ތިން މަސްތެރޭ ސަރުކާރު ކުންފުނިތަކުގެ %33 މުވައްޒަފުން ވަކިކުރަން އަންގައިފި
ޕީސީބީން ނެރެފައިވާ ސާކިއުލާއެއްގައި ބުނެފައިވަނީ، މިދިޔަ އެޕްރީލް 18 ގައި ނެރެފައިވާ ސާކިއުލާއަކާ ހަވާލާދީ، މި ހިނގާ ޖުލައި 13 ވަނަ ދުވަހުން ފެށިގެން ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި މި ލަނޑުދަނޑި ހާސިލުކުރުމަށް ސަރުކާރު ހިއްސާވާ ހުރިހާ ކުންފުނިތަކަށް މިހާރު އަންގާ ކަމަށެވެ. މި ނިންމުމާ އެއްގޮތަށް ކުންފުނިތަކުން އަމަލުކުރަމުންދާ ގޮތް ވަރަށް ގާތުން މޮނިޓަކުރުމަށް ޕީސީބީން ވަނީ ނިންމާފައެވެ.
ކުންފުނިތަކުގެ ސައިޒަށް އަންނަ ބަދަލުތައް ކޮންމެ ހަފްތާއެއްގެ އާދިއްތަ ދުވަހު ޕީސީބީއަށް ފޮނުވުމަށް ވެސް ވަނީ އަންގާފައެވެ. ޕީސީބީން ބުނި ގޮތުގައި، މި އެންގުމަކީ "ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ގާނޫނު" ގެ ދަށުން އެ ބޯޑަށް ލިބިދޭ ގާނޫނީ ބާރުގެ ދަށުން ނެރެފައިވާ އެންގުމެކެވެ.
މިއީ ސަރުކާރު ކުންފުނިތަކުގެ ހަރަދުތައް ކުޑަ ކުރުމަށް ބުނެ ސިޔާސީ ގޮތުން ތަފާތު ވިސްނުމުގެ މީހުން ވަޒީފާތަކުން ވަކިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށް އިނދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.
އެޕްރީލް މަހު އަންގާފައިވާ އެންގުމަށް ހަރުކަށި ގޮތެއްގައި އަމަލުކުރަން މި ނިންމީ ސަރުކާރު ހިންގާ ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިމުމާ އެކުގައެވެ. މި އެންގުމަށް އަމަލުކުރުން ސަރުކާރުގެ ހުރިހާ ކުންފުނިތަކަކަށް ގާނޫނުން ލާޒިމުވާނެއެވެ.
މިހާރުވެސް ބައެއް ކުންފުނިތަކުން މުވައްޒަފުން މަދުކުރަން ފަށާފައިވާއިރު އަމިއްލައަށް ވަކިވުމުގެ ފުރުސަތު ދިން ނަމަވެސް، އެ ފުރުސަތުގެ ބޭނުން ހިފުމަށް ހުށަހަޅާފައިވަނީ ވަރަށް މަދު ބަޔެކެވެ.






ރިއެކްޓް