ޚަބަރު

އެކްސިޑެންޓުވި ކާރަކުން މަސްތުވާތަކެތި ފެނި، އެކަކު ހައްޔަރަށް

12 ޖުލައި 2026 - 13:28
އެކްސިޑެންޓުވި ކާރަކުން މަސްތުވާތަކެތި ފެނި، އެކަކު ހައްޔަރަށް

އެކްސިޑެންޓުވި ކާރެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ފެނުނު މައްސަލައެއްގައި ދިވެހި ފިރިހެނަކު ފުލުހުންގެ ބަންދަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ގދ. މަޑަވެލި، ލަގްޒަރީ، އުމުރުން 27 އަހަރުގެ ގައިސް އަބްދުﷲ އަނީސް އެވެ.

ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ އޭނާ ދުއްވި ކާރު އެކްސިޑެންޓުވުމާ ގުޅިގެން އެ އުޅަނދު ބަލައިފާސްކުރިއިރު، ކާރުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނުމާ ގުޅިގެންނެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރެވެނީ މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ ކުށެވެ.

ކްރިމިނަލް ކޯޓުން ނެރެފައިވާ އަމުރުގައިވާ ގޮތުން، ގައިސްގެ ކުޑަކަމުދާތަކެތި ތަހުލީލުކުރުމުން ލިބުނު ވަގުތީ ނަތީޖާއިން އޭނާ ވަނީ ސީއޭޓީ (CAT) އަދި އޭއެމްޕީ (AMP) އަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން، އޭނާއަކީ މީގެ ކުރިންވެސް މިފަދަ ކުށްތަކުގެ ރެކޯޑު އޮތް ފަރާތެއްކަން ކޯޓުގެ ލިޔެކިޔުންތަކުން އެނގެން އޮވެއެވެ.

މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އިއްޔެއިން ފެށިގެން 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. ބަންދުގެ މަޖިލީހުގައި ގައިސް ވަނީ ގާނޫނީ ވަކީލެއްގެ އެހީތެރިކަމަށް އެދިފައެވެ.

ކޯޓުން ވަނީ އޭނާއަށް ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. އަދި ގާނޫނީ ވަކީލަކު އައްޔަނުކުރުމަށްފަހު، އަލުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ކޯޓަށް ހުށަހެޅުމަށް ފުލުހުންގެ މައްޗަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0