ގަވާއިދާ ޚިލާފަށް ދިރިއުޅޭ 32 ބިދޭސީއަކު ތިލަފުށިން ހައްޔަރުކޮށްފި
ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނަށް އަމާޒުކޮށް އިމިގްރޭޝަންގެ ޓާސްކުފޯހުން އިއްޔެ ތިލަފުށީގައި ޚާއްޞަ ރެއިޑް އޮޕަރޭޝަނެއް ހިންގައި 32 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ކުރިއަށްގެންދާ ސިލްސިލާ މަސައްކަތްތަކުގެ ތެރެއިން ހިންގުނު ހަރަކާތެކެވެ.
އިމިގްރޭޝަނުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ރެއިޑުގައި ޖުމުލަ 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވެއެވެ. އޭގެ ތެރެއިން ގަވާއިދާ ޚިލާފަށް އުޅެމުންދިޔަކަން ފާހަގަކުރެވުނު 32 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ދިވެހިރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން "އޮޕަރޭޝަން ކުރަނގި"ގެ ނަމުގައި ޚާއްޞަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. މި އޮޕަރޭޝަނުގެ ދަށުން ރާއްޖޭގައި ތިބި ހުރިހާ ބިދޭސީންގެ މަޢުލޫމާތު އެއް ޑޭޓާބޭހަކަށް ގެނައުމާއި ޤަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ތަންތަން ބަލައި ފާސްކޮށް ޤަވާއިދާ ޚިލާފަށް އުޅޭ ފަރާތްތައް ޑީޕޯޓްކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ދަނީ ކުރިއަށެވެ.
އޮޕަރޭޝަން ކުރަނގީގެ ދަށުން ޤަވާއިދާ ޚިލާފަށް އުޅޭ ހުރިހާ ބިދޭސީން ހޯދައި ޤައުމަށް ފޮނުވާލުމަށް ސަރުކާރުން ވަނީ އަމާޒު ހިފައިފައެވެ. މިހާތަނަށް އެޅި ފިޔަވަޅުތަކުގެ ތެރެއިން އިމިގްރޭޝަނުން މާލެ، ހުޅުމާލެ އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބަލައި ފާސްކުރުމުގެ ޚާއްޞަ އިންސްޕެކްޝަންތައް ހިންގައި ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ އެތައް ބިދޭސީއަކު ވަނީ ފުރުވާލައިފައެވެ.
މީގެ އިތުރުން، ޤަވާއިދާ ޚިލާފަށް ބިދޭސީން މަސައްކަތްކުރާ ތަންތަނާއި އެފަދަ ކަންކަން ހިނގާކަމަށް ޝައްކުކުރެވޭނަމަ މޯލްޑިވްސް އިމިގްރޭޝަނުގެ ޚާއްޞަ ޕޯޓަލް ނުވަތަ ހޮޓްލައިން މެދުވެރިކޮށް ރިޕޯޓްކުރުމުގެ ފުރުސަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.






ރިއެކްޓް