ޚަބަރު

ނަލަހިޔާ އެޕާޓްމަންޓު ވައްކަން: ހައްޔަރުކުރި މީހުންނަށް ދައުވާކޮށްފި

12 ޖުލައި 2026 - 09:02
ނަލަހިޔާ އެޕާޓްމަންޓު ވައްކަން: ހައްޔަރުކުރި މީހުންނަށް ދައުވާކޮށްފި

މާލޭގެ މަޖީދީމަގުގައި ހުންނަ ނަލަހިޔާ ރެސިޑެންސްގެ އެޕާޓްމަންޓަކުން ގާތްގަނޑަކަށް ހަތަރު މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ފަސް މީހެއްގެ މައްޗަށް ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިއީ މިއަހަރުގެ މާޗު މަހުގެ 15 ވަނަ ދުވަހު ހިނގާފައިވާ ވައްކަމުގެ މައްސަލައެކެވެ.

ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން ބުނި ގޮތުގައި، ނަލަހިޔާ އެޕާޓްމަންޓެއްގައި ހުރި ދެ ތިޖޫރި ފަޅާލައި އޭގައި ހުރި 3.99 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ދައުވާކުރުމަށް އެދި ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 25 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ދައުވާ އުފުލާފައިވާ ފަސް މީހުންނަކީ ޅ. ނައިފަރު ކަސްތޫރިމާގެ މުހައްމަދު ނޫރު އަހްމަދު (40އ)، ސ. މީދޫ މޫންލައިޓްވިލާ މުހައްމަދު އަފްރާހް (40އ)، ރ. މަޑުއްވަރީ ދާރުލް އައްވަލް އިސްމާއިލް އާސިފް (36އ)، މ. އޭސިއާ އަހްމަދު ފާރިސް (39އ) އަދި ހދ. ނޮޅިވަރަންފަރު ޖަޒީލާމަންޒިލް ޖަޒީލު މުހައްމަދެވެ.

މި ފަސް މީހުންގެ މައްޗަށް ވެސް ކުރަނީ ގާނޫނުލްއުގޫބާތުގެ 211 ވަނަ މާއްދާގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ދައުވާ އެވެ. މި ކުށުގެ އަސާސީ އަދަބަކީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެކެވެ. މީގެ އިތުރުން ފާރިސް، ނޫރު އަދި ޖަޒީލުގެ މައްޗަށް އެނގިހުރެ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާ އާއި މުދަލަށް ގެއްލުން ދިނުމުގެ ދައުވާ ވެސް ވަނީ އުފުލާފައެވެ.

މި ވައްކަން ކޮށްފައިވަނީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އަހުމަދު (މަނިކު ސޭޓު) ގެ އެޕާޓްމަންޓުންނެވެ. ވައްކަން ހިންގާފައިވަނީ އޭނާގެ އާއިލާ އުމްރާގެ އަޅުކަމަށް ގޮސް އުޅުނު ދަނޑިވަޅެއްގައެވެ. ބައެއް ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި މައްސަލާގައި ހިމެނޭ އިސްމާއިލް އާސިފަކީ މަނިކު ސޭޓުގެ އާއިލާ މީހެކެވެ. އޭނާއަކީ މީގެ ކުރިން މާރާމާރީގެ މައްސަލައެއްގައި 10 އަހަރުގެ ޖަލު ހުކުމެއް އައިސްފައިވާ މީހެއް ނަމަވެސް، ރައީސް ސޯލިހުގެ ސަރުކާރުގެ ފަހު ދުވަސްކޮޅު ވަނީ މިނިވަންކޮށްފައެވެ.

ޕީޖީ އޮފީހުން ބުނި ގޮތުގައި، މި މައްސަލާގައި ވަގަށް ނެގި ފައިސާގެ ތެރެއިން މިހާތަނަށް ފެނިފައިވަނީ ވަރަށް މަދު އަދަދެކެވެ. އެހެންކަމުން، ދައުވާ ލިބޭ މީހުންގެ އަތުން އެ ފައިސާ އަނބުރާ ހޯދައި، ވެރިފަރާތަށް ނަގައިދިނުމަށް ވެސް ކޯޓުގައި އެދިފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0