ޚަބަރު , ވިޔަފާރި

ދެން މައްޗަށް ނާރާނެ ކަމަށް ސަރުކާރުން ބުނި ޑޮލަރުގެ އަގު 21ރ އަށް އަރައިފި

11 ޖުލައި 2026 - 16:32
ދެން މައްޗަށް ނާރާނެ ކަމަށް ސަރުކާރުން ބުނި ޑޮލަރުގެ އަގު 21ރ އަށް އަރައިފި
ފޮޓޯ: ސޯޝަލްމީޑިއާ

ރާއްޖޭގެ ބާޒާރުގައި ޑޮލަރުގެ އަގު އިތުރަށް މައްޗަށް ނުދާނެކަމަށާއި ޑޮލަރު ފަސޭހައިން ލިބޭނެކަމަށް ސަރުކާރުން ތަކުރާރުކޮށް ބުނަމުންދަނިކޮށް ކަޅުބާޒާރުގައި ޑޮލަރުގެ އަގު 21ރ އަށް އަރައިފިއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ހުއްދަލިބިގެން މަލޭގައި ހިންގާ ފޮރިން އެކްސްޗޭންޖްތަކުގެ ތެރެއިން ބައެއް އެކްސްޗޭންޖްތަކުން 20.95 އަށް ޑޮލަރު ވިއްކަމުންދާއިރު، ހެންވޭރު ބޮޑުތަކުރުފާނުމަގުގައި ހުންނަ އެކްޗޭންޖަކުން ވަނީ ޑޮލަރު ވިއްކާ ރޭޓް 21ރ އަށް ބޮޑުކޮށްފިކަމަށް ބުނެފައެވެ. 

ރައީސް މުއިއްޒާއި އިކޮނޮމިކް މިނިސްޓަރ ސައީދުގެ އިތުރުން ސަރުކާރުގެ އިސް އެތައް ފަރާތެއް، ޑޮލަރުގެ އަގު ދެން އިތުރަށް މައްޗަށް ނުދާނެ ކަމަށް ވަނީ މީގެ ކުރިން އެތައް މުނާސަބަތެއްގައި ވިދާޅުވެފައެވެ. ޑޮލަރުގެ އަގު ދަށްކޮށް، ދިވެހި ފައިސާގެ އަގު މައްޗަށް އެރުވުމަށާއި އިޤްތިސާދު ހަމައަކަށް އެޅުވުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސް މުޢިއްޒުގެ ސަރުކާރުން ތަކުރާރުކޮށް ބުނަމުން އައިނަމަވެސް ޑޮލަރު ރޭޓު ހިފެހެއްޓުމެއްނެތި މައްޗަށް ދިއުމުން ސަރުކާރުން ދައްކަމުންދާ ވާހަކަތަކާމެދު ވަނީ ސުވާލު އުފެދިފައެވެ.

ޕީއެންސީގެ އިސްފަރާތެއް ކަމަށްވާ އެ ޕާޓީގެ ޕީޖީ ލީޑަރު ފަލާހު "އެމްއެމްޓީވީ" ގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ "މިއަށްވުރެ ފަސޭހައިން ޑޮލަރު ލިބޭ ޒަމާނެއް މީގެ ކުރިން އައިސްފައިނުވާ ކަމަށެވެ." ފަލާހު މިފަދައިން ވިދާޅުވުމުން ގިނަ ބަޔަކު ދަނީ ފަލާހު ދެއްކި ވާހަކަފުޅަށް ސޯޝަލްމީޑިއާގައި ފާޑުކިޔަމުންނެވެ.

ޑޮލަރުގެ ރޭޓު ހިފެހެއްޓުމެއްނެތި ބޮޑުވުމަށް ދިމާވި އެއް ސަބަބު ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރައްވާ އެއްކަމަކީ ބޭންކް އޮފް މޯލްޑިވްސް އިން ދާދި ފަހުން ފެށި "ޑޮލަރު އިންވެސްޓްމަންޓް" ސްކީމެވެ. އިންވެސްޓް ކުރުމުގެ ނަމުގައި ބީއެމްއެލުން ކަޅުބާޒާރުގެ އަގުގައި ޑޮލަރު މާރުކޮށްދޭން ފެށުމުން ޑޮލަރުގެ އަގު އުފުލޭނެ ކަމަށް އިގްތިސާދީ މާހިރުން އޭރުވެސް ފާހަގަކުރިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0