މާލޭގެ އިތުރު ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
މާލޭގެ އިތުރު ގެޔެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
މާފަންނުގައި ހުރި ގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ފަޔާރ އެންޑް ރެސްކިއުއިން ހަރަކާތްތެރިވަނުން ދަނިކޮށް ގަލޮޅު ގެއެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގ. ހުދުރުވާގޭގައި ގޭގައި ހުރި ގޮދަޑިއެއްގައި އަލިފާން ރޯވެގެން އުޅޭކަމުގެ ރިޕޯޓު ލިބިފައިވަނީ މިއަދު ހެނދުނު 8:45 އެހައިކަންހާއިރު ކަމަށެވެ. މި ހާދިސާގެ ރިޕޯޓު ލިބުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސަރވިސް (އެފްއާރުއެސް) އިން ވަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވެފައެވެ.
އެމްއެންޑީއެފުން ހާމަކޮށްފައިވާ ގޮތުގައި، ހެނދުނު 8:40 ހާއިރު ހިނގި މި ހާދިސާގައި ރޯވި އަލިފާންގަނޑު މިހާރު ވަނީ އެއްކޮށް ނިއްވާލެވިފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނި ގޮތުގައި، މި އަލިފާނުގެ ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ވަނީ ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. "މި ހާދިސާގައި އެ ގޭގެ އެއް ކޮޓަރި ބޭނުންނުކުރެވޭ ވަރަށް އަނދައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ގޭގައި ޖުމްލަ ހަތަރު މީހުން ދިރިއުޅޭ،" ކަމަށް އެންޑީއެމްއޭ އިން ބުނެފައިވެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށް ކަމާބެހޭ އިދާރާތަކުން ދަނީ ތަހުގީގު ކުރަމުންނެވެ. އަދި ހާދިސާގައި ގެއްލުން ލިބުނު އާއިލާއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކަމާގުޅުންހުރި މުއައްސަސާތަކުން ދަނީ ކުރަމުންނެވެ.







ރިއެކްޓް