ފައްޔާޒު އަމީނަށް: ހަނިމާދޫ އެއާޕޯޓު އޮތީ އޭ320 ޖެއްސޭ ވަރަށް ތަރައްގީ ކޮށްފަ
އެމްޑީޕީގެ ސަރުކާރުން ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކޮށްފައިވަނީ ބައިނަލްއަގުވާމީ ފްލައިޓުތައް އޮޕަރޭޓު ކުރެވޭނެ ފެންވަރަށް ކަމަށާއި، އެއީ އޭ320 މަރުކާގެ ބޯޓުތައް ޖެއްސޭނެ ފެންވަރުގެ އެއާޕޯޓެއް ކަމަށް ކުރީގެ އިގުތިސޯދީ ވަޒީރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެއެވެ.
ފައްޔާޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެއާބަސް އޭ320 އަދި ބޮއިންގް 737 މަރުކާގެ ބޯޓުތަކަކީ އިންޑިއާ އާއި ލަންކާގެ އިތުރުން ޔޫއޭއީ، ގަތަރު، ކުވެއިތު، ތައިލޭންޑް، މެލޭޝިއާ އަދި ސިންގަޕޫރަށް ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ ބޯޓުތަކެއް ކަމަށެވެ. އަދި މިއީ މިހާރު ވެސް އެތައް މިލިއަން ފަސިންޖަރުން ދަތުރުކުރުމަށް ބޭނުންކުރާ އެއާޕޯޓުތަކެއް ހުރި ގައުމުތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
"ޔޫރަޕާއި، ޗައިނާ އަދި އެހެން މަންޒިލްތަކުގެ ފަތުރުވެރިންނަށް ވެސް އެ އެއާޕޯޓުތަކުން ކަނެކްޓިން ފްލައިޓުތަކުގައި ހަނިމާދޫއަށް ދަތުރުކުރެވޭނެ. ދުނިޔޭގެ ނިސްބަތުން އެންމެ ގިނަ ފަސިންޖަރުން އުފުލަނީ ނެރޯބޮޑީ އެއާކްރާފްޓުތަކުގައި،" ފައްޔާޒު ވިދާޅުވިއެވެ.
މިވަގުތު ޑިމާންޑު އެވަރަށް ނެތުމުން ވައިޑްބޮޑީ އެއާކްރާފްޓް ޖެއްސޭ ވަރަށް އިންވެސްޓު ކުރުމަކީ އިގުތިސޯދީ ގޮތުން ހަމަޖެހޭ ނިންމުމަކަށް ނުވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. ނަމަވެސް، ކުރިމަގުގައި އެ ޑިމާންޑު އުފެދޭ ދުވަހެއްގައި ރަންވޭ ބޮޑުކުރުމަށް ބޭނުންވާ ބިން މިހާރު ވެސް އޮތީ ހަމަޖައްސާފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ، ހަނިމާދޫ އެއާޕޯޓު މަޝްރޫއު ފެށުމާއެކު ބޮޑު ތިލަދުންމަތީގެ ބިމާއި އިންވެސްޓުމަންޓުގެ އަގު އުފުލިގެން ދިޔަ ކަމަށެވެ. އެހެންކަމުން، އެ އެއާޕޯޓު ބޭނުންނުކޮށް ބޭއްވުމަކީ މި ސަރުކާރުން އުތުރުގެ ތަރައްގީއަށް އަޅަމުންދާ ހުރަހެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
އިގުތިސޯދީ ދާއިރާތައް ކަމަށްވާ ފަތުރުވެރިކަން، މަސްވެރިކަން، ލޮޖިސްޓިކްސް އަދި ރިއަލް އެސްޓޭޓް ފަދަ ދާއިރާތައް ފުޅާކުރުމަށްޓަކައި ހަނިމާދޫ އެއާޕޯޓަށް ބައިނަލްއަގުވާމީ ފްލައިޓުތައް ގެންނަން ޖެހޭ ކަމަށް ވިދާޅުވެ ފައްޔާޒު ވަނީ ޓުވީޓު ނިންމަވާލައްވާފައެވެ.






ރިއެކްޓް