ރައީސް ޔާމީނާ ދެކޮޅަށް ހުށަހެޅި އާ ހެކި ބަލައި ނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމައިފި
ފަތުރުވެރިކަމަށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ޚިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރާ މައްސަލައިގައި، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ދެކޮޅަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.
މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މިއަދު ހެނދުނު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި 3 ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
އާރަށު މައްސަލައިގައި ޔާމީންގެ މައްޗަށް ޚިޔާނާތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، ކްރިމިނަލް ކޯޓުން 25 ޑިސެންބަރު 2022 ގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އެ ހުކުމް އިއްވީ ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިގަތުމަށް ފަހުގައެވެ. ނަމަވެސް، 2023 ވަނަ އަހަރުގެ ފަހުކޮޅު ހައިކޯޓުން ވަނީ އެ ހުކުމް ބާތިލުކޮށް، މައްސަލަ އަލުން ބަލަން އަމުރުކޮށްފައެވެ.
ހައިކޯޓުން އެ މައްސަލަ ނިންމިއިރު ކަނޑައަޅާފައިވަނީ، މައްސަލަ އަލުން ބަލާއިރު ދައުލަތުން ހުށަހެޅި އާ ހެކިތައް ބަލައިނުގަނެވޭނެ ކަމަށެވެ. ދައުލަތުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފު ކުރީ ހައިކޯޓުގެ އެ ނިންމުމާ މެދު ހިތްހަމަނުޖެހިގެންނެވެ. ސުޕްރީމް ކޯޓުން މިއަދު ކުރި ހުކުމާއެކު، ހައިކޯޓުގެ އެ ނިންމުމަށް ވަނީ ތާއީދު ލިބިފައެވެ.
މި މައްސަލައިގެ އަޑުއެހުންތައް ކުރިން ނިންމާލާފައި އޮއްވައި، ފަނޑިޔާރުންގެ ބެންޗަށް އައި ބަދަލަކާ ގުޅިގެން މިދިޔަ ސެޕްޓެމްބަރު 29 ގައި އިތުރު އަޑުއެހުމެއް ބޭއްވިއެވެ. އެ އަޑުއެހުމުގައި ރިޔާސަތު ބެލެހެއްޓެވި ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދު ވިދާޅުވީ، އިތުރު އަޑުއެހުމެއް ބޭއްވީ މައްސަލައިގެ ބައެއް ކަންކަން އިތުރަށް ސާފުކުރުމަށް ކަމަށެވެ.
މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ހިމެނިވަޑައިގަންނަވަނީ ފަނޑިޔާރު އާއިޝާ ޝުޖޫން މުހައްމަދުގެ އިތުރުން، ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމާއި ފަނޑިޔާރު އަބްދުﷲ ހަމީދެވެ.






ރިއެކްޓް