ޚަބަރު

2028 ވަނަ އަހަރު "އާލާކުރި އެން" މަސްވެރިންނަށް ދޫކުރަން ފެށޭނެ: ފިޝަރީޒް މިނިސްޓްރީ

25 ޖޫން 2026 - 13:28
2028 ވަނަ އަހަރު "އާލާކުރި އެން" މަސްވެރިންނަށް ދޫކުރަން ފެށޭނެ: ފިޝަރީޒް މިނިސްޓްރީ
ފޮޓޯ: މަސްވެރިން

ރާއްޖޭގެ މަސްވެރިންނަށް ކުރިމަތިވާ އެންވެރިކަމުގެ ދަތިތަކަށް ހައްލެއް ހޯދުމުގެ ގޮތުން، އެން އާލާކޮށް 2028 ވަނަ އަހަރުގެ ތެރޭގައި މަސްވެރިންނަށް ދޫކުރަން ފެށޭނެ ކަމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް އިން ހާމަކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޕީއެސްއެމް ނިއުސްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު މުއްތަލިބެވެ.

ސްޓޭޓް މިނިސްޓަރު މުއްތަލިބް ވިދާޅުވީ ރާއްޖޭގައި މެރިކަލްޗާގެ މަސައްކަތް މީގެ ކުރިން ކޮށްފައިވަނީ ކޮޓޭޖް ލެވެލްގައި ނަމަވެސް، މިހާރު ސަރުކާރުގެ ވިސްނުން ހުރީ މިއީ ވަކި ސިނާއަތެއްގެ ގޮތުގައި ކުރިއަށް ގެންގޮސް ތަރައްގީ ކުރުމަށެވެ. މިގޮތުން މޫދުވިނަ ހެއްދުމާއި އެން އާލާކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެރިކަލްޗާ ކުރިއެރުވުމަށްޓަކައި މާލެ ސަރަހައްދުން ކ. މަނިޔަފުއްޓާއި އެ ރަށް ކައިރީގައި އޮތް ފަޅެއްގެ އިތުރުން، ގދ. އަތޮޅުގެ ފަޅެއް ފާނަ އާލާކުރުމަށް މިހާރު ވަނީ ދޫކޮށްފައެވެ. މުއްތަލިބް ވިދާޅުވީ ސަރުކާރުގެ އެދުމުގެ މަތިން އެ ތަންތަނުގައި މިހާރު އެން އާލާކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

މޫސުން ގޯސްވާ ދުވަސްވަރު މަސްވެރިންނަށް އެން ނުލިބުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ގދ. އަތޮޅުގައި މެރިކަލްޗާ ކުރާ ކުންފުންޏަކާއެކު މިހާރު ވަނީ އެއްބަސްވުމަކަށް އާދެވިފައެވެ. "އެބޭފުޅުން ރާއްޖޭގެ މަސްވެރިންނަށް ބޭނުންވާ އެން އާލާކުރުމުގެ މަސައްކަތް ފަށައި، 2028 ވަނަ އަހަރުގެ ތެރޭގައި އަޅުގަނޑުމެން މި ބަލަނީ މަސްވެރިންނާ ހަމައަށް އެން ފޯރުކޮށްދިނުމުގެ މަސައްކަތް އެ ކުންފުނި މެދުވެރިކޮށް ކުރިއަށް ގެންދެވޭނެ ކަމަށް،" މުއްތަލިބް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރުވެސް މެރިކަލްޗާގެ ދަށުން ޑިނގާ، ހުއިފިލަނޑާ، ފާނަ އަދި ސީވީޑް އާލާކުރަމުންދާއިރު، މި ފަހަކަށް އައިސް މޫދުވިނަ ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރަން ފަށާފައިވާކަންވެސް މިނިސްޓްރީން ފާހަގަކުރެއެވެ. މި އާ މަޝްރޫއާއެކު މަސްވެރިކަމުގެ ސިނާއަތަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 1