ޚަބަރު

ހާފްވޭ ހައުސްއަށް މަސްތުވާތަކެތި ވައްދައި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށް

24 ޖޫން 2026 - 11:00
ހާފްވޭ ހައުސްއަށް މަސްތުވާތަކެތި ވައްދައި ބޭނުންކުރި މީހަކު ތިން އަހަރަށް ޖަލަށް

ހުޅުމާލޭ ހާފްވޭ ހައުސްއަށް މަސްތުވާތަކެތި ވައްދައި އެތަކެތި ބޭނުންކުރި މީހަކު ތިން އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި ހުކުމް އިއްވާފައިވަނީ މިދިޔަ ޖޫން މަހުގެ 18 ވަނަ ދުވަހުއެވެ.

މި މައްސަލާގައި ހުކުމްކޮށްފައިވަނީ ދަފްތަރު ނަންބަރު 4539، މުހައްމަދު ޝާހިދުގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން ދެ ދައުވާއެއް އުފުލާފައިވެއެވެ. އެއީ ޑައިމޯފިނުން މުއާމަލާތް ކުރުމުގެ ކުށުގެ ދައުވާއާއި ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ.

މި ހާދިސާ ހިނގާފައިވަނީ ޝާހިދު ހާފްވޭ ހައުސްއަށް މަސްތުވާތަކެތި އެތެރެކޮށް ބޭނުންކުރާކަމުގެ ރިޕޯޓެއް ފުލުހުންނަށް ލިބުމާ ގުޅިގެންނެވެ. ފުލުހުން ގޮސް އޭނާ ބަލައިފާސްކުރިއިރު، އޭނާ ލައިގެން ހުރި ޖިންސު ސޯޓުގެ ޖީބުން ފެނުނު ކަރުދާސްކޮޅެއްގައި މަސްތުވާތަކެތި ހުއްޓެވެ. ތަހުލީލު ރިޕޯޓުން ދައްކާގޮތުގައި އެ ކަރުދާސްކޮޅުގައި 0.1241 ގްރާމް ޑައިމޯފިން ހުއްޓެވެ.

ކްރިމިނަލް ކޯޓުގެ ހުކުމުގައިވާ ގޮތުން ޝާހިދުގެ މައްޗަށް ސާބިތުވެފައިވަނީ ޑައިމޯފިން ބޭނުންކުރުމުގެ ކުށުގެ ދައުވާއެވެ. މި ކުށުގެ އަދަބެއްގެ ގޮތުން އޭނާ ތިން އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.

ނަމަވެސް، އޭނާ މި މައްސަލާގައި ބަންދުގައި ހޭދަކުރި މުއްދަތު ހުކުމުގެ މުއްދަތުން ވަނީ އުނިކޮށްފައެވެ. އެހެންކަމުން، ބަންދު މުއްދަތު ކެނޑުމަށްފަހު އޭނާ ތަންފީޒު ކުރަންޖެހޭނީ ދެ އަހަރާއި 11 މަހާއި އެއް ދުވަހުގެ ޖަލު އަދަބެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0