މާފުށި ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފި
މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް މިއަދު ފަށައިފިއެވެ.
މި އޮޕަރޭޝަނަކީ ޖަލުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ކުރިއަށްގެންދާ އޮޕަރޭޝަނެކެވެ.
ކަރެކްޝަންސް އިން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ، "މި ސަރވިސްއިން ފުލުހުންނާ ގުޅިގެން، މާފުށީ ޖަލުގައި މިއަދު ސަރޗްް އޮޕަރޭޝަނެއް ކުރިއަށް އެބަދޭ" ކަމަށެވެ. ނަމަވެސް މި އޮޕަރޭޝަނާ ގުޅޭ އިތުރު ތަފްސީލީ މައުލޫމާތެއް ކަރެކްޝަންސް އިން އަދި ހާމައެއް ނުކުރެއެވެ.
Loading tweet content... View original tweet
ޖަލަށް ވެއްދުން މަނާ ތަކެތި ވެއްދުމުގެ މައްސަލަތަކާއި، ޖަލުގައި ތިބޭ ގައިދީން ސްކޭމްގެ އެކި އަމަލުތައް ހިންގާކަމުގެ ޝަކުވާތައް ފެންމަތިވަމުންދާތީ، މީގެ ކުރިންވެސް އެކި ފަހަރުމަތިން މާފުށީ ޖަލު ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ވަނީ ހިންގާފައެވެ.
ޖަލުތަކުގެ ސެކިއުރިޓީ ވަރުގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މި އަހަރު ވަނީ ޒަމާނީ ފެންވަރުގެ ބޮޑީ ސްކޭނިން މެޝިނާއި ބެގޭޖް ސްކޭނާ މެޝިން ބަހައްޓައި ބޭނުންކުރަން ފަށާފައެވެ.
ކަރެކްޝަންސް އިން ބުނާ ގޮތުގައި އަލަށް ބެހެއްޓުނު މެޝިންތަކާއެކު، ގައިދީން ޖަލަށް ފޯނު ފަދަ މަނާ ތަކެތި ވެއްދުމުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެއެވެ.






ރިއެކްޓް