އެޗްޑީސީން ވެސް އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް މާލީ އިނާޔަތް ދެނީ
ޚަރަދު ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މުވައްޒަފުން މަދުކުރުމަށްޓަކައި، އަމިއްލައަށް ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ޚާއްސަ މާލީ އިނާޔަތްތަކަކާއެކު އެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.
އެޗްޑީސީގެ އިތުރުން ފެނަކަ ކޯޕަރޭޝަނުންވެސް ވަނީ މިމަހުގެ ކުރީކޮޅު މިފަދަ ޕްރޮގްރާމެއް ފަށާފައެވެ. ފެނަކައިން ވަނީ އަމިއްލައަށް ވަކިވާ މުވައްޒަފުންނަށް ހަތަރު މަސްދުވަހުގެ މުސާރައާއެކު ވަކިވުމުގެ ފުރުސަތު ހުޅުވާލާފައެވެ.
މިއީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޚަރަދު ކުޑަކުރުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ދީފައިވާ އިރުޝާދުތަކާ އެއްގޮތަށް އެޅި ފިޔަވަޅެއްކަމަށް އެޗްޑީސީން ބުނެއެވެ.`
އެޗްޑީސީގެ ބޯޑުން ފާސްކޮށްފައިވާ އާ އޮނިގަނޑުގެ ދަށުން، ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް ދެ ގޮތަކަށް ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެއީ އަމިއްލައަށް އެދިގެން ރިޑަންޑަންޓްވުމުގެ ފުރުސަތާއި، އަމިއްލައަށް އެދިގެން ރިޓަޔާވުމުގެ ފުރުސަތެވެ. މިގޮތުން ވަކިވާ މުވައްޒަފުންނަށް އެ މުވައްޒަފަކު ކުންފުންޏަށް ޚިދުމަތްކުރި މުއްދަތަށާއި އަދާކުރާ މަޤާމަށް ރިއާޔަތްކޮށް، ސެވަރެންސް ޕެކޭޖެއް ނުވަތަ އެއްފަހަރާ ލިބޭ މާލީ އިނާޔަތެއް ދިނުމަށް ވަނީ ނިންމާފައެވެ.
އެޗްޑީސީގެ މާލީ ހާލަތަށް ބަލާއިރު، އެ ކުންފުންޏަކީ މީގެ ކުރިން އެންމެ ބޮޑު ފައިދާއެއް ވަމުން އައި އެއް ކުންފުންޏެވެ. ނަމަވެސް، 2024 ވަނަ އަހަރު އެ ކުންފުންޏަށް ވަނީ 109 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ވެފައެވެ. މިއީ އެ ކުންފުނީގެ ތާރީޚުގައިވެސް ގެއްލުންވި ފުރަތަމަ ފަހަރެވެ. މި ގެއްލުމާ ކުރިމަތިލާން ޖެހިފައިވަނީ ފާއިތުވި އިންތިޚާބުތަކާ ދިމާކޮށް ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން އިތުރުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެޗްޑީސީގެ ހިއުމަން ރިސޯސް މެނޭޖްމަންޓުން މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބުނެފައިވަނީ، ކުންފުނީގެ އޮނިގަނޑު ބަދަލުކުރުމުގެ މަސައްކަތުގެ ދަށުން ރިޓަޔަރމަންޓް ޕޮލިސީއާއި ވަޒީފާއިން ރިޑަންޑަންޓްވާ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކަށް މުހިންމު އިސްލާހުތަކެއް ގެނެސްފައިވާ ކަމަށެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލުތަކާއި ޝަރުތުތައް ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް މެދުވެރިކޮށް މުވައްޒަފުންނަށް ލިބޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފައެވެ.






ރިއެކްޓް