ގެންދިޔަތާ ދެ މަސް ފަހުން ވިލިމާލޭގައި ޓެކްސީގެ ހިދުމަތް ފަށައިފި
ވިލިމާލެއަށް ޓެކްސީތައް ގެންދިޔަތާ ދެ މަސް ފަހުން، ރަސްމީކޮށް މާލެ ޓެކްސީގެ ހިދުމަތް މިއަދު ފަށައިފިއެވެ.
ވިލިމާލޭގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި "މާލެ ޓެކްސީ ލައިން" ގެ ހިދުމަތް ފައްޓަވައިދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީގެ ދަތިކަން ހައްލުކުރުމަށްޓަކައި ސަރުކާރުން އިސްނަގައިގެން އެމްޓީސީސީ މެދުވެރިކޮށް "މާލެ ޓެކްސީ ލައިން" ގެ ހިދުމަތް ރަސްމީކޮށް ފަށާފައިވަނީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގައެވެ. ވިލިމާލޭގައި މި ހިދުމަތް ފެށުމަކީ އެ މަޝްރޫއުގެ ދަށުން ކުރެވުނު މުހިންމު މަސައްކަތެކެވެ.
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް، ޓްރާންސްޕޯޓް އެންޑް ޓްރޭޑުން މައުލޫމާތު ދޭ ގޮތުގައި، މާލެ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އެހެން ސިޓީތަކަށް ވެސް ޓެކްސީ ލައިންގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މިއީ މުޅި ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގެ ބައެކެވެ.
ޓެކްސީ ލައިން އޮޕަރޭޓްކުރާ އެމްޓީސީސީން ބުނީ، ވިލިމާލެއަށް ބޭނުންވާ ތިމާވެއްޓާ ރައްޓެހި އީވީ (އިލެކްޓްރިކް ވެހިކަލް) ޓްރާންސްޕޯޓް ހިދުމަތް ތައާރަފް ކުރެވުމަކީ އެ ކުންފުންޏަށް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ. އަދި މި ހިދުމަތަކީ ރައްޔިތުންނަށް އިތުބާރު ކުރެވޭ، ފަސޭހަ ހިދުމަތަކަށް ވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ވިލިމާލޭގައި މި ހިދުމަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓްރީގެ އިސްވެރިންނާއި އެމްޓީސީސީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ހިދުމަތާއެކު ވިލިމާލޭގެ ދަތުރުފަތުރުގެ މައްސަލައަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.






ރިއެކްޓް