ބޯހިޔާވަހިކަމުގެ ސްކީމަށް 58،000 އަށްވުރެ ގިނަ އެޕްލިކޭޝަން ހުށަހަޅައިފި
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި 58،000 އަށް ވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިރޭ ހާމަކޮށްފިއެވެ.
މިއީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން ހިންގި ބޯހިޔާވަހިކަމުގެ ސްކީމަކަށް އެންމެ ގިނަ އަދަދަކަށް ފޯމު ހުށަހެޅި ފަހަރެވެ.
ހައުސިން މިނިސްޓްރީން ބުނި ގޮތުގައި "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމަށް ގާއިމްކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ޖުމްލަ 58،505 ފޯމު ވަނީ ހުށަހަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފްލެޓަށް އެދި ހުށަހެޅި 35،930 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 22،575 ފޯމެވެ.
ފޯމު ހުށަހެޅުމުގެ މުއްދަތު އިއްޔެ ރޭގެ މެންދަމު 2:00 އަށް ހަމަވެފައިވާއިރު، އެންމެ ފަހު ވަގުތު ޕޯޓަލްއަށް ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މިނިސްޓްރީން ވަނީ ވަގުތު އިތުރުކޮށްދީފައެވެ. މީގެ ކުރިންވެސް ބޮޑު އީދު ބަންދާ ގުޅިގެންނާއި އެކި ސަބަބުތަކާ ހެދި ފޯމު ހުށަހެޅުމުގެ މުއްދަތު އެކި ފަހަރު މަތިން ވަނީ އިތުރުކޮށްފައެވެ.
އަޅާކިޔުމެއްގެ ގޮތުން ބަލާއިރު، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި "ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ސްކީމަށް އެދި ހުށަހަޅާފައި ވަނީ 40،000 އަށް ވުރެ ގިނަ ފޯމެވެ. އެހެންކަމުން މިފަހަރުގެ ސްކީމަށް ހުށަހެޅި ފޯމުގެ އަދަދު ވަނީ އެއަށްވުރެ ބޮޑުތަނުން އިތުރުވެފައެވެ.
ސަރުކާރުގެ މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފްލެޓާއި 15,000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. މީގެ ތެރޭގައި މާލޭގެ ރަށްވެހިންނަށް 4,000 ފްލެޓާއި، މާލޭގައި ދިރިއުޅޭ ނަމަވެސް ރަށްވެހިވެފައި ނުވާ މީހުންނަށް 1,500 ފްލެޓްގެ އިތުރުން ހާއްސަ ކެޓަގަރީތަކަށް 2,400 ފްލެޓް ކަނޑައަޅާފައިވެއެވެ






ރިއެކްޓް