ނަމާދު ވަގުތުގައި 20 މިނެޓަށް ކުޅިވަރުތައް ހުއްޓާލުމަށް އަންގައިފި
ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައިވެސް ނަމާދު ވަގުތު ޖެހުމާއެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް ހުއްޓާލަން މިނިސްޓްރީ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަނުން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.
ސްޕޯޓްސް މިނިސްޓްރީން ކުޅިވަރު އެސޯސިއޭޝަންތަކަށް ފޮނުވި ސާކިއުލަރއެއްގައި ބުނެފައިވަނީ ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި، ނަމާދަށް ގޮވުމާއެކު 20 މިނިޓް ވަންދެން ހުރިހާ ކުޅިވަރު ހަރަކާތެއް މެދުކަނޑާލައި އެކަން ތަންފީޒުކުރަމުން ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކަމަށެވެ.
މި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި، ކްލަބްތަކާއި އެކަޑަމީތަކާއި އަމިއްލަ ފަރާތްތަކުން ކުރިއަށް ގެންދާ ހަރަކާތްތައް ވެސް މީގެ ތެރޭގައި ހިމެނެއެވެ. އެހެންކަމުން އެސޯސިއޭޝަންތަކުގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ އެންމެހާ ހަރަކާތްތައް ނަމާދު ވަގުތަށް މެދުކަނޑާލައި، އެކަން ހަރުދަނާކަމާއެކު ތަންފީޒުކޮށްދިނުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.
މި ނިންމުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ކުޅިވަރު މައިދާނުގައި އުޅޭއިރު ނަމާދު ގަޑި ނިމޭ ވަގުތު ވެސް ކުޅެން ތިބުމަކީ ދިވެހީންގެ ޒަމާންވީ އާދައަކަށް ވެފައިވާ ކަމަށެވެ. ނަމަވެސް ރާއްޖެއަކީ ސަތޭކަ ޕަސެންޓު މުސްލިމު ގައުމަކަށް ވާއިރު، މުޖުތަމައުގައި އަމަލީ ގޮތުން ކަންކަން ތަންފީޒުކުރެވެން ވާނީ އެ ހަގީގަތުގެ މައްޗަށް ބިނާކޮށް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.






ރިއެކްޓް