ޚަބަރު

ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާއަށްވުރެ ފުލުހުން އަނބުރާ ހޯދި ފައިސާ އިތުރުވެއްޖެ

16 ޖޫން 2026 - 17:55
ސްކޭމް މައްސަލަތަކުގައި ގެއްލުނު ފައިސާއަށްވުރެ ފުލުހުން އަނބުރާ ހޯދި ފައިސާ އިތުރުވެއްޖެ

ސްކޭމުގެ މައްސަލަތަކުގައި އެކި ފަރާތްތަކުގެ އަތުން ގެއްލިފައިވާ ފައިސާއަށްވުރެ މޯލްޑިވްސް ޕޮލިސް ސަރވިސްއިން އަނބުރާ ހޯދި ފައިސާ އިތުރުވެއްޖެއެވެ.

ފުލުހުންގެ އެންޓި-ސްކޭމް ސެންޓަރުން ހާމަކުރެއްވި ގޮތުގައި މި ހިނގާ ޖޫން މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ސްކޭމްގެ މައްސަލަތަކުގައި އާންމުންގެ އަތުން 118,370.05 ރުފިޔާ ގެއްލިފައިވާއިރު ޖުމްލަ 164,240.60 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ސްކޭމް ސެންޓަރުން ބުނީ ޖޫން 7 ވަނަ ދުވަހުން ފެށިގެން 13 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި ސްކޭމްގެ ޖުމްލަ 36 މައްސަލައެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި މީގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގައި ދިމާވާ އީ-ކޮމާސް ޕްލެޓްފޯމުތަކުގައި ހިންގާ ސްކޭމްތައް ކަމަށް ސްކޭމް ސެންޓަރުން ބުނެއެވެ.

ފުލުހުން ބުނީ މިފަދަ ސްކޭމްތައް ހިންގަނީ އޮންލައިން ޕްލެޓްފޯމްތަކާއި، ފޯނު ކޯލުތަކާއި، ގޮތްނޭނގޭ ލިންކުތަކެވެ. އަދި އައިބޭ އާއި ފޭސްބުކް މާކެޓްޕްލޭސް މެދުވެރިކޮށްވެސް ހިންގާ ސްކޭމްތައް ނިސްބަތުން ގިނަވެފައިވާކަން އެ ސެންޓަރުން ފާހަގަކުރެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0