ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމަށް ކަރެކްޝަންސްގެ ވެރިން މަޖިލީހަށް ހާޒިރުކުރަން އެދިއްޖެ
މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ހުރި ޖަލުތަކުގައި ގިނަ މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވައި، އެ ކަންކަމާ ގުޅޭގޮތުން ސުވާލުކުރުމަށް ކަރެކްޝަންސްގެ އިސް ބޭފުޅުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެދިވަޑައިގެންފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް ފޮނުއްވި ސިޓީއެއްގައި މެމްބަރު ކުޑޫ ވިދާޅުވީ، ޖަލުތަކުގެ ނިޒާމު އިސްލާހުކުރުމަށް މަސައްކަތްތަކެއް ކުރެވެމުންދިޔަނަމަވެސް، ހައްލުނުކުރެވި ގިނަ މައްސަލަތަކެއް ހުރި ކަމަށާއި، ޖަލުތަކުގެ ހާލަތާމެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ކަރެކްޝަންސްގެ އިސް ބޭފުޅުން ކަމާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށްދެއްވުމަށާއި، ކޮމިޓީގެ މެމްބަރުންނަށް ޖަލުތަކަށް ޒިޔާރަތްކޮށް ހާލަތު ބެއްލެވޭނެ ގޮތް ހަމަޖައްސަވައިދެއްވުމަށް އޭނާ ވަނީ އެދިވަޑައިގެންފައެވެ.
މެމްބަރުގެ ސިޓީގައި ފާހަގަކުރައްވާފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ޖަލުތަކުގެ ޖާގައިގެ ދަތިކަމެވެ. ޖާގައަށް ވުރެ އިތުރަށް ގައިދީން ގޮޅިތަކުގައި ބަހައްޓަން ޖެހުމުން ދިރިއުޅުމުގެ ހާލަތު ދަށްވަމުންދާކަމާއި، ކުދި ކުށްތަކުގައި ޖަލަށްލާ މީހުން ބޮޑެތި ކުށްވެރިންނާއެކު ބައިތިއްބަން ޖެހުމުގެ ނުރައްކާ އޭނާ ފާހަގަކުރެއްވިއެވެ.
ސިއްހީ ފަރުވާގެ ދާއިރާއިން ވެސް ގިނަ ޝަކުވާތަކެއް ހުރިކަން ކުޑޫ ފާހަގަކުރެއްވިއެވެ. އޭގެ ތެރޭގައި ގައިދީން ބަލިވުމުން ހާއްސަ ޑޮކްޓަރުންނަށް ދެއްކުން ލަސްވުމާއި، ބައްޔަށް ބެލުމެއް ނެތި ބާރުގަދަ ނަފްސާނީ ބޭސްތަކާއި ތަދުކަނޑުވާ ބޭސް ދޭކަމުގެ ޝަކުވާ އާއިލާތަކުން ކުރާ ކަމަށް ވިދާޅުވިއެވެ. މީގެ އިތުރުން ޓީބީ ފަދަ ގައިންގަޔަށް އަރާ ބަލިތައް ޖެހިފައިވާ މީހުން ވަކިން ބޭތިއްބޭނެ އިންތިޒާމެއް ނެތްކަން ވެސް ވަނީ ފާހަގަކުރައްވާފައެވެ.
ޖަލުތަކުގެ ސާފުތާހިރުކަމާ ގުޅޭގޮތުން މެމްބަރު ވިދާޅުވީ، ގޮޅިތަކުގެ ވެންޓިލޭޝަން ދަށްވުމުގެ ސަބަބުން އިންތިހާއަށް ހޫނުގަދަވާ ކަމަށާއި، ފާހާނާތައް މަރާމާތު ނުކުރެވި ގިނަ ދުވަސްވުމުގެ ސަބަބުން ބަލިތައް ފެތުރުމުގެ ބިރު އޮތް ކަމަށެވެ. އަދި ގޮޅިތަކުގައި މަދިރި ގިނަވުމާއި މީދާ ފަދަ ތަކެތި އުޅޭކަމުގެ ޝަކުވާ ވެސް ވަނީ ލިބިފައެވެ.
މީގެ އިތުރުން ޖަލު ކޮއްތުގެ ފެންވަރު ދަށްވުމާއި، ގައިދީންނަށް ބޭނުންވާ އަސާސީ ސާމާނު ގަންނަން ލިބެން ނުހުންނަ މައްސަލައާއި، ރިހެބިލިޓޭޝަންގެ ފުރުސަތުތައް އެކަށީގެންވާ ވަރަށް ނުލިބޭ މައްސަލަ ވެސް މެމްބަރު ވަނީ މަޖިލީހުގެ ސަމާލުކަމަށް ގެންނަވާފައެވެ. ކަރެކްޝަންސްގެ ވެރިން ހާޒިރުކުރަން އެދިވަޑައިގަތީ މިކަންކަން ރަނގަޅުކުރުމަށް ކުރެވޭ މަސައްކަތްތައް ސާފުކުރުމަށެވެ






ރިއެކްޓް