ޑްރަގް ކެފޭއެއް ކަމަށް ކަނޑައަޅާފައިވާ ތަނަކަށް ވަން މީހަކު ހައްޔަރުކޮށްފި
މަސްތުވާތަކެތި ބޭނުންކޮށް، އެތަކެތީގެ ވިޔަފާރިކުރުމަށް ބޭނުންކުރަމުންދިޔަ ސ. ހިތަދޫ، ލާމިޔާގެ ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައި ވަނިކޮށް، އެ ގެއަށް ވަތް މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ސ. ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ 07 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް 2026 ޖޫން 14 ވަނަ ދުވަހު ވަނީ އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
ލާމިޔާގެއަކީ ވައްކަމާއި، ފޭރުން އަދި މަސްތުވާތަކެތި ބޭނުންކުރުން ފަދަ ކުށްތަކަށް އަރައިގަންނަ ފަރާތްތަކުން ބޭނުންކުރަމުންދާ ގެއެއް ކަމަށް ބުނެ އާއްމުން ކުރަމުންދިޔަ ޝަކުވާތަކާއި ގުޅިގެން، އެ ސަރަހައްދުގެ އަމާންކަން ގާއިމުކުރުމަށްޓަކައި ޖޫން މަހުގެ 8 ވަނަދުވަހު 90 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކޯޓުން އަމުރުކޮށްފައިވާ ގެއެކެވެ. މިއީ ޑްރަގް ކެފޭއެއްގެ ގޮތުގައި އައްޑޫއިން ބަންދުކުރި ފުރަތަމަ ތަނެވެ.
ކޯޓު އަމުރެއްގެ ދަށުން ބަންދުކޮށްފައިވާ ތަންތަނަށް ހުއްދައާ ނުލައި ވަދެނުކުމެ ހެދުމަކީ ގާނޫނީ ގޮތުން ކުށެކެވެ. ފުލުހުން ވަނީ މިފަދަ ތަންތަނަށް ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.






ރިއެކްޓް