ޚަބަރު

މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މެޓް އޮފީހުގެ ހިދުމަތް ފަށައިފި

14 ޖޫން 2026 - 18:35
މާފަރު އިންޓަނޭޝަނަލް އެއާޕޯޓްގައި މެޓް އޮފީހުގެ ހިދުމަތް ފަށައިފި

ރާއްޖޭގެ މޫސުމާބެހޭ އިދާރާ، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް (އެމްއެމްއެސް) އިން ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މެޓް އޮފީހުގެ ހިދުމަތްތައް ރަސްމީކޮށް އިއްޔެ ފަށައިފިއެވެ.

މިއީ އެ އެއާޕޯޓުގެ އޮޕަރޭޝަންތަކަށް ބޭނުންވާ މޫސުމީ މައުލޫމާތުތައް އިތުރަށް ހަރުދަނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާފަރު މީޓިއޮރޮލޮޖިކަލް އޮފީހުގައި އެވިއޭޝަން މީޓިއޮރޮލޮޖިކަލް ހިދުމަތްތައް މިހާރު ފަށާފައިވާ ކަމަށެވެ. މި ހިދުމަތުގެ ސަބަބުން އެއާޕޯޓަށް ބޭނުންވާ "ވެދާ ސަޕޯޓް" ގެ އެހީތެރިކަން އިތުރަށް ފުރިހަމަވެ، ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަށަވަރު މޫސުމީ މައުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދެވޭނެ ކަމަށް އެ އިދާރާއިން ބުނެއެވެ.

މާފަރު އެއާޕޯޓް ހިންގާ އައިލެންޑް އޭވިއޭޝަނާ ގުޅިގެން މި މަސައްކަތް ފަށާފައިވަނީ މި މަހުގެ ކުރީކޮޅުގައެވެ. މިއީ ރާއްޖޭގައި ގާއިމްކުރެވުނު ހަވަނަ މޫސުން ބަލާ އޮބްޒަވޭޓަރީއެވެ. އެންވަޔަރަމެންޓް މިނިސްޓްރީން ބުނެފައިވާ ގޮތުގައި، މި އޮބްޒަވޭޓަރީއާއެކު މާފަރު އެއާޕޯޓުގެ މޫސުމީ ނިޒާމް އދ. ގެ ދުނިޔޭގެ މޫސުމާބެހޭ ޖަމިއްޔާ (ޑަބްލިއުއެމްއޯ) ގެ "ގްލޯބަލް ބޭސިކް އޮބްޒަވޭޝަން" މިންގަނޑުތަކަށް ފެތޭނެއެވެ.

މި މަޝްރޫއަކީ ޔޫއެންއެމްޕީޓީއެފް އާއި ޑަބްލިއުއެމްއޯ ގުޅިގެން ހިންގާ "ސިސްޓަމެޓިކް އޮބްޒަވޭޝަން ފައިނޭންސިން ފެސިލިޓީ" ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ. ހަތަރު އަހަރުގެ މުއްދަތަށް ކުރިއަށްގެންދާ މި ޕްރޮޖެކްޓުގެ ދަށުން ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުރި އޮބްޒަވޭޓަރީތަކުގެ ފެންވަރު މަތިކުރުމާއި، އައްޑޫ ގަމުގައި ހުންނަ ރޭޑިއޯސޮންޑޭ ނިޒާމު މަރާމާތުކުރުން ވެސް ހިމެނެއެވެ.

ރާއްޖޭގައި މިހާރު މޫސުން ބަލާ އޮބްޒަވޭޓަރީތައް ހުންނަނީ ހުޅުލެ، ހަނިމާދޫ، ކައްދޫ، ކާޑެއްދޫ އަދި ގަމުގައެވެ. މާފަރުގައި މި ހިދުމަތް ފެށުމަކީ ރާއްޖޭގެ މޫސުމީ ނެޓްވޯކް ފުޅާވެ، ވައިގެ ދަތުރުފަތުރަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0