ތިލަފުށީ ޕޯޓުގެ އީއައިއޭ ހަދާނެ ފަރާތެއް ހޯދަން އަލުން އިއުލާންކޮށްފި
ތިލަފުށީ ޕޯޓް ތަރައްގީކުރުމަށް ބޭނުންވާ އެންވަޔަރަންމަންޓަލް އިމްޕެކްޓް އެސެސްމަންޓް (އީ.އައި.އޭ) އަދި ބެތިމެޓްރިކް ސާވޭ ހަދައިދޭނެ ގާބިލު ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އަލުން ބިޑަށް ހުޅުވާލައިފިއެވެ.
މި މަޝްރޫއުގެ ދަށުން ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ހިއްކި ސަރަހައްދުގައި ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އެތެރޭގެ އުޅަނދުފަހަރަށް ހާއްސަ ބަނދަރުތަކާއި، މުދާ އުފުލާ ބޭލުމަށް ބޭނުންވާ ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ.
އެމްޕީއެލްގެ ޓާމްސް އޮފް ރިފަރެންސްގައިވާ ގޮތުން، މި މަޝްރޫއުގެ ދަށުން ފުން ކަނޑުގެ ކީވޯލަކާއި، 650 މީޓަރުގެ އެތެރޭގެ ކީވޯލެއްގެ އިތުރުން، އަވަހަށް ހަލާކުވާ މުދަލަށް ހާއްސަ ޓާމިނަލަކާއި، ކޮންޓެއިނަރު ޔާޑުތަކާއި، އިދާރީ އިމާރާތްތަކާއި، ފެން ހިންދާ ނިޒާމު އަދި ނެރު ފުންކުރުމުގެ މަސައްކަތް ހިމެނެއެވެ.
މަސައްކަތަށް ހޮވޭ ކޮންސަލްޓަންޓްގެ ޒިންމާތަކުގެ ތެރޭގައި ތިމާވެށީގެ އަސާސީ ހާލަތު ދެނެގަތުމާއި، މަޝްރޫއުގެ ސަބަބުން ކުރިމަތިވެދާނެ އަސަރުތައް ވަޒަންކޮށް، އެކަންކަން ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކުގެ ޕްލޭން އެކުލަވާލުން ހިމެނެއެވެ. މީގެ އިތުރުން، މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓާއި، އެޗް.ޑީ.ސީ އަދި އެން.ޑީ.އެމް.އޭ ފަދަ އިދާރާތަކުގެ އިތުރުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކާ މަޝްވަރާކޮށް، އާންމު ބައްދަލުވުމެއް ބޭއްވުމަށްވެސް ވަނީ ލާޒިމުކޮށްފައެވެ. އީ.އައި.އޭގެ އިތުރުން، ފަޅު ފުންކުރުމާއި ނެރު ފަރުމާކުރުމަށް ބޭނުންވާ ތަފްސީލީ ބާތިމެޓްރިކް ސާވޭއެއްވެސް ހަދަންޖެހެއެވެ.
މި ޓެންޑަރުގައި ބައިނަލްއަގުވާމީ އަދި ދިވެހި ފަރާތްތަކަށް ބައިވެރިވެވޭއިރު، ބައިވެރިވާން އެދޭ ފަރާތްތަކުން 16 ޖޫން 2026 ގެ މެންދުރުފަހު 2:00ގެ ކުރިން ރަޖިސްޓްރީވާން ޖެހޭނެއެވެ. އަދި އަގު ހުށަހެޅުން އޮންނާނީ 18 ޖޫން 2026 ގެ ހެނދުނު 11:00 ގައި އެމްޕީއެލްގެ ހެޑް އޮފީހުގައެވެ. ބިޑް ހުށަހަޅާ ފަރާތްތަކަކީ ފާއިތުވި ފަސް އަހަރު ދުވަހުގެ ތެރޭގައި މި ދާއިރާއިން ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވާންޖެހޭނެ ކަމަށް އެމްޕީއެލް އިން ބުނެއެވެ.
ތިލަފުށީގައި ތަރައްގީކުރާ މި ބަނދަރަކީ ރާއްޖޭގެ ކަނޑުދަތުރުފަތުރުގެ އުމްރާނީ ވަސީލަތްތައް ވަރުގަދަކުރުމުގައާއި، މުދާ އުފުލުމުގެ ގާބިލުކަން އިތުރުކޮށް، ބައިނަލްއަގުވާމީ އަދި ރާއްޖޭގެ އެތެރޭގެ ޝިޕިންގް އޮޕަރޭޝަންތަކުގެ ހިންގުން ހަރުދަނާކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެ މަޝްރޫއެކެވެ.






ރިއެކްޓް