ވަތަނީ ހިދުމަތުގެ ފުރަތަމަ ބެޗުގެ 137 ބައިވެރިއަކު ސިފައިންގެ އަސާސީ ތަމްރީނު ފުރިހަމަކޮށްފި
ދިވެހި ވަތަނީ ޚިދުމަތުގެ ޕްރޮގްރާމްގައި ބައިވެރިވެ، އެ ޕްރޮގްރާމް ފުރިހަމަކުރި 137 ބައިވެރިއަކު ދިވެހި ސިފައިންގެ 72 ވަނަ އަސާސީ ތަމްރީނު ކޯސް ކާމިޔާބީއާއެކު ނިންމާލައިފިއެވެ. މި ތަމްރީނުތަކަކީ ސަރުކާރުން އަލަށް ފެށި ވަތަނީ ހިދުމަތުގެ ދަށުން ތަމްރީނުވި ފުރަތަމަ ބެޗެވެ.
އިއްޔެ ހަވީރު އައްޑޫ ޓްރެއިނިންގ ސެންޓަރުގައި ބޭއްވި 72ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދުއެވެ. ރަސްމިއްޔާތުގައި، ޝަރަފުވެރި މެހެމާން، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު ވަނީ ލަޝްކަރު ބަލައި ފާސްކޮށްދެއްވުމަށް ފަހު، ކޯހުން ވަނަތައް ހާސިލުކުރި ދަރިވަރުންނަށް އިނާމު ހަވާލުކޮށްދެއްވާފައެވެ. އަދި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު، އޮނަރަބަލް ޙަސަން ރަޝީދު ވަނީ ދަރިވަރުންނާ މުޚާތަބްކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ.
ސިފައިންގެ 72ވަނަ އަސާސީ ތަމްރީނު ކޯހުގެ އެންމެ މޮޅު ދަރިވަރުގެ އެވޯޑް ހާސިލުކޮށްފައިވަނީ ޕްރައިވެޓް މުޙައްމަދު ނަޒީހު ރަޝީދު (ސ.ނ 9047)އެވެ. ހަށިހެޔޮކަމުން އެއްވަނަ ދަރިވަރަށް ދޭ "ކޮމާންޑަރ މޮޓަރ ޙަސަން މަނިކު އެވޯޑް" ހާސިލުކޮށްފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙްމާން (ސ.ނ 9076)އެވެ. ހެވިކަމަށް އެންމެ މޮޅު ދަރިވަރަށް ދޭ "ކޮމާންޑަރ އިސްމާޢީލް ދީދީ އެވޯޑް" ޕްރައިވެޓް އަނޫސް މުޙައްމަދު (ސ.ނ 9058) ހާސިލުކުރި އިރު، އަމާޒަށް ބަޑިޖެހުމުން އެންމެ މޮޅު ދަރިވަރަށް ދޭ "މޭޖަރ އިނގިރޭސި ޢުމަރު މަނިކު އެވޯޑް" ހާސިލުކުރީ ޕްރައިވެޓް މުޙައްމަދު ރަޒާން ޢަލީ ޒާހިރު (ސ.ނ 9156)އެވެ.
މުޅި ކޯހުން އެއްވަނަ ޕްލެޓޫނަަކަށް ހޮވިފައިވަނީ ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ ސިއެރާ ޕްލެޓޫނެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ސިއެރާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް ފާތިމަތު ސަރާ އާދަމް (ސ.ނ 9067) ހޮވުނު އިރު، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، އަލްފާ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އައިޝަތު ރަނާ ޢަބްދުއް ރަޙުމާން (ސ.ނ 9076)އެވެ. އަދި، ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޓެންގޯ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ޕްރައިވެޓް މާއިޒް މުޙައްމަދު ޒުހައިރު (ސ.ނ 9062)އެވެ. އަދި ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ކޮމްޕެނީގެ، ޗާރލީ ޕްލެޓޫނުގެ އެއްވަނަ ދަރިވަރަކަށް ހޮވިފައިވަނީ ޕްރައިވެޓް އުލްވާން އަތޫފް އަރީބް (ސ.ނ 9154)އެވެ.
އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމުކުރި މި ކޯސް ކުރިއަށް ދިޔައީ މާޗް މަހުގެ 7 ވަނަ ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ މުއްދަތަށެވެ. މި ތަމްރީނުތައް ބާއްވާފައިވަނީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، އައްޑޫ ޓްރެއިނިން ސެންޓަރުގައެވެ.
އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ޚިދުމަތާ ގުޅޭ ފަރާތްތަކަށް ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުނގަންނައިދީ، ތަމްރީނު ކުރުމަށް ހިންގޭ ކޯހެކެވެ. އަސާސީ ތަމްރީނު ކޯސް މައިގަނޑު ގޮތެއްގައި އަމާޒުކުރެވިފައި ވަނީ ކޯސް ފުރިހަމަކުރާ ކޮންމެ ސިފައިންގެ މީހަކީ ޤައުމިއްޔަތަށް ލޯބިކުރާ، ސިފަވަންތަ، އަޚްލާޤު ރަނގަޅު އަދި އަމުރަށް ކިޔަމަންތެރިވާ، ހަށިހެޔޮ މީހަކަށް ހެދުމާ އެކު ސިފައިންގެ މީހަކަށް އެނގެންޖެހޭ އަސާސީ ޢިލްމާއި ހުނަރު އުނގަންނައި ދިނުމަށެވެ.






ރިއެކްޓް