ޑްރަގް އޮޕަރޭޝަނެއްގައި ހަރަކާތްތެރިވި ފުލުހަކު ނިޔާވެއްޖެ
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ހަރަކާތްތެރިވަމުންދިޔަ ފުލުހަކު ގެއްލިގެން ހޯދަމުން ދަނިކޮށް، މޫދު އަޑިން، ނިޔާވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
މިއީ ސީދާ ކޮން ބާވަތެއްގެ އޮޕަރޭޝަނެއްކަން ފުލުހުން ހާމަކޮށްފައި ނުވި ނަމަވެސް "ވިރާސީ"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވީ ހާއްސަ އޮޕަރޭޝަން ހިންގަން މާލެ އިން ދިޔަ ފުލުހުންގެ ޓީމުގައި ހިމެނުނު ޑްރަގް އެންފޯސްމަންޓު ޔުނިޓުގައި މަސައްކަތް ކުރާ ފުލުހެކެވެ. އެހެންކަމުން މިއީ ޑްރަގް އޮޕަރޭޝަނެއްކަމަށް ބެލެވެއެވެ.
ފުލުހުން މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި، މި ހާދިސާ ހިނގާފައިވަނީ "ޕޮލިސް ލޯންޗް 57" ގައި ފުލުހުން އޮޕަރޭޝަނެއް ކުރިއަށް ގެންދަނިކޮށެވެ. އޮޕަރޭޝަންގެ ތެރެއިން ފުލުހަކު ގެއްލިފައިވާކަން ސަމާލުކަމަށް އައުމާއެކު، އޭނާ ހޯދުމުގެ މަސައްކަތް ފުލުހުން ވަނީ ވަގުތުން ފަށާފައެވެ.
ގެއްލުނު ފުލުސް މީހާ ހޯދުމަށް ކުރި މަސައްކަތުން އޭނާ ފެނިފައިވަނީ މޫދު އަޑިންނެވެ. އޭނާ ފެނުމާއެކު ވަނީ އއ. މަތިވެރި ސިއްހީ މަރުކަޒަށް ގެންގޮސްފައެވެ. ނަމަވެސް، ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް އޭނާ ނިޔާވެފައިވާ ކަމަށް އެ މަރުކަޒުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި ހިތާމަވެރި ދަނޑިވަޅުގައި، ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ނިޔާވި އޮފިސަރުގެ އާއިލާއަށާއި އޭނާއާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ބޭނުންވާ ނަފްސާނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށް ފުލުހުން ބުނެވެ. އަދި މި ހާދިސާގައި އާންމުންގެ ފަރާތުން ލިބުނު އެހީތެރިކަން ފުލުހުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކޮށްފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދިވެހި ފުލުހުންގެ ޚިދުމަތުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.






ރިއެކްޓް