ޚަބަރު

ތިކި ހުރި ވޯޓު ބާތިލްނުވާ ކަމަށް ނިންމުމާއެކު ވޭވަށު ގޮނޑި އެމްޑީޕީއަށް

11 ޖޫން 2026 - 13:03
ތިކި ހުރި ވޯޓު ބާތިލްނުވާ ކަމަށް ނިންމުމާއެކު ވޭވަށު ގޮނޑި އެމްޑީޕީއަށް
ނިމިދިޔަ ކައުންސިލް އިންތިހާބުގައި މ. ވޭވަށު ކައުންސިލް މެންބަރުގެ ގޮނޑިއަށް ވޯޓުލީ ތިން ކަރުދާހެއްގައި ތިކިތަކެއް ހުރުމުން އެ ތިން ވޯޓު ބާތިލްކޮށް ހައި ކޯޓުން ކުރި ހުކުމް ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފިއެވެ. މި ނިންމުމާއެކު އެ ގޮނޑީގެ އަސްލު ނަތީޖާ އިއާދަވެ، އެމްޑީޕީގެ ކެންޑިޑޭޓަށް ގޮނޑި ވަނީ ކާމިޔާބުވެފައެވެ.

މި މައްސަލައަކީ އިންތިހާބުގައި އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ލިބުނު 121 ވޯޓުގެ ތެރެއިން ތިން ވޯޓު ކަރުދާހެއްގައި ތިކިތަކެއް ހުރިކަމަށް ބުނެ ހައި ކޯޓަށް ހުށަހެޅި މައްސަލައެކެވެ. ހައި ކޯޓުން އެ ތިން ވޯޓު ބާތިލްކުރުމުން، ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު ނަޒީހު 119 ވޯޓާއެކު ކުރި ހޯދައި، އަހުސަންގެ ވޯޓު 118 އަށް ދަށްވިއެވެ. ނަމަވެސް މި ނިންމުން އަހުސަންގެ ފަރާތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރިއެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ހައި ކޯޓުގެ ނިންމުން ބާތިލްކޮށްފައެވެ. ފަނޑިޔާރުން ފާހަގަކުރެއްވި ގޮތުގައި، ވޯޓުލާ މަރުކަޒަށް ނޫ ކުލައިގެ ދެލި ހުންނަ ގަލަން ފިޔަވައި އެހެން އެއްޗެއް ވެއްދުން މަނާ އިރު، ކަރުދާސްތަކުގައި ހުރި ކަޅު ތިކިތަކަކީ ވޯޓުލީ މީހުން ގަސްތުގައި ކުރި ކަމެއްކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ހުށަހަޅާފައެއް ނުވެއެވެ.

މީގެ އިތުރުން، ހައި ކޯޓުން ރިއާޔަތްކުރި ފޮޓޯތަކަކީ ދެވަނަ ފަހަރަށް ވޯޓު ގުނިއިރު ނަގާފައިވާ ފޮޓޯތަކެއް ކަމަށާއި، އެއީ އަސްލާ އެއްގޮތަށް ނަގާފައިވާ ފޮޓޯތަކެއްކަން ކަށަވަރު ނުވާކަންވެސް ހުކުމުގައި ފާހަގަކޮށްފައިވެއެވެ. "ތިކިތައް ހުންނަ ކޮންމެ ވޯޓު ކަރުދާހެއް ބާތިލްވާކަމަށް ކަނޑައަޅާނަމަ، މުޅި އިންތިހާބީ ނިޒާމަށް އިއާދަނުކުރެވޭ ވަރުގެ ގެއްލުމަކާއި ނޭދެވޭ އަސަރުތައް ކޮށްފާނެ" ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ސުޕްރީމް ކޯޓުގެ މި ނިންމުމާއެކު، ވޭވަށު ކައުންސިލްގެ ގޮނޑި އެމްޑީޕީގެ ކެންޑިޑޭޓް އަހުސަން ނައީމަށް ވަނީ ކަށަވަރުވެފައެވެ. މި މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު އަބްދުﷲ ހަމީދެވެ. ދެން ތިއްބެވީ ފަނޑިޔާރު ހުސައިން ޝަހީދު އަދި ފަނޑިޔާރު މުހައްމަދު ސަލީމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0