މުޢިއްޒު އެންގެވި ގޮތަށް ޝަމްއާން 25 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން ވަހީދު 25 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ބިދޭސީއެއްގެ އަތުން ފޭރިގަތް ކަމާއި، އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާކަން އެނގޭ ކަމަށެވެ.
މިއަދު ކްރިމިނަލްކޯޓަށް ވަނުމުގެ ކުރިން ޝަމްއާން ވަނީ އޭނާގެ މައްސަލައާއި ގުޅޭ ހަގީގަތްތައް މީޑިއާއާއި ހިއްސާކުރައްވާފައެވެ. ޝަމްއާން ވިދާޅުވީ އޭނާގެ މައްޗަށް ދައުވާކޮށްފައިވަނީ މިނިސްޓަރު އިހުސާނު އަޑީގައިހުރެ އޭނާ ފްރޭމްކޮށްގެންނެވެ. ޝަމްއާން އިތުރަށް ވިދާޅުވީ އޭނާ ފްރޭމްކުރީ އިހުސާނު ރިޝްވަތު ނަގާކަމާއި ކޮރަޕްޝަންގެ އަމަލުތައް ރައީސްއާއި ހިއްސާކުރުމުންނެވެ.
ދައުލަތުން ތުހުމަތުކުރާ ގޮތުގައި، ބިދޭސީއަކު ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500,000 ރުފިޔާގެ ތެރެއިން 400,000 ރުފިޔާ ޝަމްއާން ވަނީ ފޭރިގަނެ އޭނާގެ އަތުގައި ބަހައްޓާފައެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން ވަނީ ސާބިތުވެފައެވެ. އެގޮތުން އެއް ލޯނު އެކައުންޓަށް 149,491.46 ރުފިޔާ އަދި އަނެއް އެކައުންޓަށް 110,345.59 ރުފިޔާ ޖަމާކޮށްފައިވެއެވެ.
ހުކުމުގައި އިތުރަށް ބުނެފައިވަނީ، 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީމީހާ އަތުން ފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށްވެސް ހެކިތަކުން ދައްކައެވެ. ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.






ރިއެކްޓް