ޚަބަރު

ޝަމްއާނަށް ކުރާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި

9 ޖޫން 2026 - 17:18
ޝަމްއާނަށް ކުރާ ދައުވާތައް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފި

އިމިގްރޭޝަންގެ ކޮންޓްރޯލަރުގެ މަގާމުން ވަކިކުރި މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާ ވެސް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ކަނޑައަޅައިފިއެވެ.

މި މައްސަލައިގައި ދައުވާ ސާބިތުވާ ކަމަށް ކަނޑައެޅުމާ ގުޅިގެން، މިހާރު ކުރިއަށް ދަނީ އަދަބާ ގުޅޭ ގޮތުން ވާހަކަ ދެއްކުމުގެ މަރުހަލާއެވެ.

ޝަމްއާންގެ މައްޗަށް ސާބިތުވެފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އާއި، ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ ދައުވާއެވެ. ކޯޓުގެ ހުކުމުގައި ބުނެފައިވަނީ ދައުލަތުން ހުށަހެޅި ހެކިތަކުން ބިދޭސީއެއްގެ އަތުން ފޭރިގަތް ކަމާއި، އެ ފޭރުމުގައި ޝަމްއާން ބައިވެރިވެފައިވާކަން އެނގޭ ކަމަށެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި، ބިދޭސީއަކު ހިފެހެއްޓިއިރު އޭނާގެ އަތުން އަތުލި 500,000 ރުފިޔާގެ ތެރެއިން 400,000 ރުފިޔާ ޝަމްއާން ވަނީ ފޭރިގަނެ އޭނާގެ އަތުގައި ބަހައްޓާފައެވެ. އަދި އޭގެ ތެރެއިން ބައެއް ފައިސާ ޝަމްއާންގެ ނަމުގައި ނަގާފައިވާ ދެ ސްޓޫޑަންޓް ލޯނަކަށް ފައިސާ ދެއްކުމަށް ބޭނުންކޮށްފައިވާކަން ވަނީ ސާބިތުވެފައެވެ. އެގޮތުން އެއް ލޯނު އެކައުންޓަށް 149,491.46 ރުފިޔާ އަދި އަނެއް އެކައުންޓަށް 110,345.59 ރުފިޔާ ޖަމާކޮށްފައިވެއެވެ.

ހުކުމުގައި އިތުރަށް ބުނެފައިވަނީ، 530,000 ރުފިޔާއާއެކު ޑިޓެންޝަނަށް ގެންދިޔަ ބިދޭސީއަކު ޝަމްއާންގެ އަމުރަށް ދަންވަރުގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށެވެ. އަދި އެ ބިދޭސީމީހާ އަތުން ފައިސާ ހިފައިގެން އިމިގްރޭޝަންގެ އޮފިސަރުން ގޮސްފައިވަނީ ޝަމްއާން ދިރިއުޅޭ އިމާރާތަށް ކަމަށްވެސް ހެކިތަކުން ދައްކައެވެ. ޝަމްއާން އަމަލުކޮށްފައިވަނީ ވަކި މީހަކަށް ނާޖައިޒު ފައިދާ ލިބޭ ގޮތަށް ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.

މި މައްސަލައިގައި ދައުލަތުން ވަނީ ޝަމްއާންގެ ގެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ 250,000 ރުފިޔާ ދައުލަތަށް ނަގައިދިނުމަށާއި، ބާކީވާ 150,000 ރުފިޔާވެސް އޭނާގެ ގެއިން ފެނުނު ފައިސާގެ ތެރެއިން ދައުލަތަށް ނަގައިދިނުމަށް އެދިފައެވެ. މީގެ އިތުރުން ބިދޭސީމީހާގެ އަތުން ފޭރުނު ފައިސާއަށްވާ ބަދަލު ނަގައިދިނުމަށްވެސް ދައުލަތުން ވަނީ އެދިފައެވެ.

ޝަމްއާންގެ މައްޗަށް ކަނޑައަޅާނެ އަދަބެއް ގާޒީ ނިންމަވާނީ، އަދަބާ ގުޅޭ ގޮތުން ދެ ފަރާތުން ދައްކާ ވާހަކަތައް އަޑުއެހުމަށްފަހު ބާއްވާ މަޖިލީހުގައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0