ޚަބަރު

ކަނބޮޑުވާ މިންވަރަކަށް ލަންކާގައި ޑެންގީ ފެތުރެނީ

9 ޖޫން 2026 - 09:13
ކަނބޮޑުވާ މިންވަރަކަށް ލަންކާގައި ޑެންގީ ފެތުރެނީ

ސްރީ ލަންކާގެ 14 ޑިސްޓްރިކްޓެއްގައި ޑެންގީ ހުން ޖެހޭ މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވަމުންދާ ކަމަށް އެ ގައުމުގެ ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުން ހާމަކޮށްފިއެވެ.

މިކަމާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ދަނީ ބަލި ފެތުރުން ހުއްޓުވުމަށާއި މަދިރި އާލާވާ ތަންތަން ހޯދައި ނައްތާލުމުގެ މަސައްކަތްތައް އިތުރަށް ވަރުގަދަކުރަމުންނެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ ޑިރެކްޓަރ، ޑރ. ކަޕިލާ ކަންނަންގަރާ ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ޑެންގީ ކޮންޓްރޯލް ކުރުމުގެ މަސައްކަތްތައް މިއަށްވުރެ ހަރުކަށިކޮށް ކުރިއަށް ގެންދާނެއެވެ. "ހެލްތު އިންސްޕެކްޓަރުންގެ މަސައްކަތަށް ހުރަސްއަޅާ ނުވަތަ އެއްބާރުލުން ނުދޭ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅާނެ،" ޑރ. ކަންނަންގަރާ އިންޒާރު ދެއްވިއެވެ. މީގެ އިތުރުން، މިހާރު ކުރިއަށްދާ ރައްކާތެރިވުމުގެ ހަރަކާތްތަކަށް އާންމުންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި ފަހަކަށް އައިސް ޑެންގީ ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވަނީ ޖެނުއަރީ މަހުން ފެށިގެން ހުއްޓުމެއްނެތި ކުރަމުންދާ ވިއްސާރައިގެ ސަބަބުންނެވެ. މި ވިއްސާރައިގެ ސަބަބުން މަދިރި އާލާވުމަށް ފަހި މާހައުލެއް އުފެދިފައިވާ ކަމަށް އެ ފަރާތްތަކުން ބުނެއެވެ.

ނޭޝަނަލް ޑެންގީ ކޮންޓްރޯލް ޔުނިޓުގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން 5 ގެ ނިޔަލަށް 36,168 ކޭސް ވަނީ ރިޕޯޓްކޮށްފައެވެ. މީގެ ތެރެއިން އެންމެ ގިނަ ކޭސްތައް ފެނިފައިވަނީ ހުޅަނގު ސަރަހައްދުންނެވެ. ވެސްޓަން ޕްރޮވިންސްގެ އިތުރުން މާތަރަ، ގޯލް، ރަތުނަޕޫރާ، ކޭގޯލް، ޕުއްތަލަމް އަދި ކެންޑީ ޑިސްޓްރިކްޓުން ވެސް ގިނަ އަދަދެއްގެ ކޭސްތައް ވަނީ ފެނިފައެވެ.

މި އަހަރުގެ މިހާތަނަށް ޑެންގީ ބަލީގައި ލަންކާއިން 20 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ކަށަވަރުކޮށްދެއެވެ. މަރުވި މީހުންގެ ތެރޭގައި ތިން ކުޑަކުދިން ވެސް ހިމެނޭކަމީ ސިއްހީ އިދާރާތަކުން ނުހަނު ކަންބޮޑުވާ ކަމެކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0