ޚަބަރު , ސިޔާސީ

ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން: ފައްޔާޒު

9 ޖޫން 2026 - 12:01
ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި އަޅުގަނޑުމެން މި ސަރުކާރު ބަލިކުރާނަން: ފައްޔާޒު

ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި މި ސަރުކާރު ބަލިކުރާނެ ކަމަށް އިދިކޮޅު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ފައްޔާޒު މިހެން ވިދާޅުވީ ސަރުކާރުގެ ބައެއް ކުންފުނިތަކުން މުވައްޒަފުން ވަކިކުރަމުންދާ މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ފައްޔާޒު ވިދާޅުވީ ޑިމޮކްރަސީ ގަބޫލުނުކުރާ ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން، ސޯބެ ކެމްޕޭނުގައި އުޅުނު މުވައްޒަފުން ވަޒީފާއިން ވަކިކުރުމަކީ ބޮޑު ކަންބޮޑުވުމެއް ކަމަށެވެ. މީގެ އިތުރުން ވެމްކޯއިން ޕެންޝަން ފައިސާ ޖަމާނުކުރާތީ ހައްގުތައް ހޯދުމަށް އަޑުއުފުލި ދެ މުވައްޒަފަކު ވެސް ސަރުކާރުން އަންގައިގެން ވަޒީފާއިން ކަނޑާލާފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

ސަރުކާރުގެ މި އަމަލުތަކަށް ފާޑުވިދާޅުވަމުން ފައްޔާޒު ވިދާޅުވީ "އިންތިހާބަކުން ބަލިވީމާއި ބަދަލު ހިފާނީ ތާއީދު ގެއްލި ގޮތްހުސްވުމުން" ކަމަށެވެ. އަދި ދައުލަތުގެ ކުންފުނިތައް ސިޔާސީ ޖަގަހަތަކެއްގެ ގޮތުގައި ބޭނުންކޮށް، އާއިލާތަކެއް ނިކަމެތި ކޮށްގެން ސަރުކާރަށް ތާއީދު އިތުރުވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ފައްޔާޒު އިތުރަށް ވިދާޅުވީ ސަރުކާރުން ހިންގަމުންދާ މިފަދަ އަމަލުތަކަކީ އަނިޔާވެރިކަން ކަމަށާއި، ނަމަވެސް ބޭއިންސާފުގެ ކުރިމަތީގައި ފަސްނުޖެހި ސަރުކާރު ބަލިކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން އޭނާ ވަނީ ދެއްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0