ސާދަ އަހަރުގެ ހުކުމެއް ޝަމްއާނަށް އިއްވަން މުއިއްޒު އަންގައިފި
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަ މުހައްމަދު ޝަމްއާން ވަހީދު 14 އަހަރަށް ޖަލަށްލާން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަންގަވައިފިއެވެ.
ޝަމްއާނަށް ހުކުމްކުރުން މާލަސްވެއްޖެ ކަމަށާއި މާދަމާ (އަންގާރަ ދުވަހު) ޝަމްއާން 14 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ އަލްއުސްތާޛް އިބްރާހީމް އިޙްސާނަށް ރައީސް މުޢިއްޒު އަންގަވާފައިވާކަމަށް ގާޒީގެ އަރިސް ފަރާތަކުން "ވިރާސީ" އަށް ވަނީ ކަށަވަރުކޮށްދީފައެވެ.
"އަސްލު ފުރަތަމަ އޯޑަރު އައީ ހުލާސާ ބަޔާން އިއްވާތާ 48 ގަޑިއިރުތެރޭ ހުކުން އިއްވަން. މީޑިއާއަށް ވާހަކަ ތިލަވީމަ މަޑުޖައްސާލީ." ޝަމްއާނަށް މާދަމާ ހުކުމް ކުރަން މުޢިއްޒު އަންގަވާފައިވާކަން ކަށަވަރުކޮށްދެމުން އެމީހާ ބުންޏެވެ.
ޝަމްޢާނުގެ މައްސަލައިގެ ހުކުމްކުރުން ކްރިމިނަލް ކޯޓުން ތާވަލުކޮށްފައިވަނީ ހުޅުމާލޭ ކްރިމިނަލްކޯޓު އިމާރާތުގައި މާދަމާ ހަވީރު 4:00 އަށެވެ.
ޝަމްއާންގެ މައްޗަށް އުފުލާފައިވާ ތިން ދައުވާ ސާބިތުކުރުމަށް ދައުލަތުން ވަނީ އެމަައްސަލައިގައި ހިމެނޭ އެކަކަށް ބޮޑެތި ލުއިތައްދީ ޝަމްއާން އާއި ދެކޮޅަށް އޭނާގެ ހެކިބަސް ހޯދާފައެވެ. އަދި އެމައްސަލައިގައި ދެން ހިމެނޭ މީހަކު ޝަމްއާން އާއި އެއްކޮޅަށް ހެކިބަސް ދީފައިވަނިކޮށް ފަހުން އޭނާއަށް ވެސް ލުއިތައްދީ، ޖަލުން މިނިވަންކޮށްދީ އޭނާގެ ބަޔާން ބަދަލުކޮށް ހުލާސާ ބަޔާން ހުށަހެޅުމުގެ މަރުހަލާގައި ދައުލަތުން ވަނީ އޭނާގެ ބަޔާން ޝަމްއާން އާއި ދެކޮޅަށް ޝަރީއަތައް ހުށަހަޅާފައެވެ.
ބިދޭސީއަކު އަތުން ފޭރުނު ފައިސާ ޝަމްއާންގެ ގެއަށް ގެންދިޔަ ކަމަށް ދައުލަތުން ބުނި ނަމަވެސް ދައުލަތުން ހުށަހެޅި ވީޑިއޯ ފުޓޭޖް ދިރާސާކުރި ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނީ ޝަމްއާންގެ ގެއަށް ގެންދިޔަ ކޮތަޅުގައި ހުރީ ފައިސާކަން ޔަގީންކަމާއިއެކު ބުނަން ނޭނގޭ ކަމަށެވެ. އަދި ޝަމްއާންގެ ގެއަށް ވެއްދި ކޮތަޅަކީ އިމިގްރޭޝަންގެ އޮފީހުން ނެރުނު ކޮތަޅުކަން ޔަގީން ނުވާކަމަށް ވެސް ފުލުހުންގެ އޮފިސަރު ކޯޓުގައި ބުނެފައި ވެއެވެ.







ރިއެކްޓް