އައްޑޫގައި ހިންގަމުންދިޔަ ޑުރަގު ކެފޭއެއް ބަންދުކޮށްފި
އައްޑޫ ސިޓީގައި ކެފޭ އުސޫލުން މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތް ދެމުންދާކަމުގެ ތުހުމަތުގައި، ހިތަދޫގެ ގެއެއް ބަންދުކުރުމަށް އެ ރަށު މެޖިސްޓްރޭޓު ކޯޓުން އަމުރުކޮށްފިއެވެ.
މިއީ މަސްތުވާތަކެތި ބޭނުންކުރުމުގެ ހިދުމަތްދޭ ތަނެއް ބަންދުކުރުމަށް އައްޑޫ ސިޓީ ހިތަދޫ މެޖިސްޓްރޭޓް ކޯޓުން ނެރުނު ފުރަތަމަ އަމުރެވެ. އަދި ރާއްޖޭގަިއ ނެރުނު މިފަދަ ދެވަނަ އަމުރެވެ.
ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ހިތަދޫ ކޯޓުގެ އަމުރެއްގެ ދަށުން ބަންދުކޮށްފައިވަނީ ސ. ހިތަދޫ، ލާމިޔާގެ އެވެ. މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން ނެރުނު މި އަމުރު ތަންފީޒުކުރަން ފަށާފައިވަނީ 2026 ޖޫން 08 ވަނަ ދުވަހުން ފެށިގެން 90 ދުވަހުގެ މުއްދަތަށެވެ.
ފުލުހުން ވިދާޅުވީ، ކޯޓު އަމުރުގެ ދަށުން ބަންދުކޮށްފައިވާ މިފަދަ ތަންތަނަށް، އަމުރުގެ މުއްދަތުގައި ހުއްދަނެތި ވަދެނުކުމެ ހެދުމަކީ ކުށެއް ކަމަށެވެ. އަދި މިފަދަ ތަންތަނަށް ހުއްދައާ ނުލައި ވަންނަ ފަރާތްތަކާއި، އެ ތަންތަނަށް އެކި ގޮތްގޮތުން ގެއްލުންދޭ ފަރާތްތަކާމެދު ގާނޫނީ ގޮތުން އެޅޭނެ އެންމެ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް ފުލުހުން ވަނީ ދީފައެވެ.
އައްޑޫ ސިޓީގައި މަސްތުވާތަކެތި ވިއްކައި ވިޔަފާރިކުރާ ފަރާތްތައް ހުއްޓުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމާއި އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކުރައްވާފައެވެ.
މާލޭގައި ވެސް އާންމު ފަރާތްތަކުގެ ގެތަކުގައި ފައިސާ ދީގެން މަސްތުވާތަކެތި ބޭނުންކުރާ 'ޑްރަގް ކެފޭ' ތައް ފުލުހުން ދަނީ ބަންދުކުރަމުންނެވެ. މިފަދަ ތަންތަނަކީ މުޖުތަމައުގެ އަމާންކަން ގެއްލި، ކުށްކުރުމަށް މަގުފަހިވާ ތަންތަން ކަމަށް ފުލުހުން މީގެ ކުރިން ވެސް ފާހަގަކޮށްފައިވެއެވެ.






ރިއެކްޓް