ނިމުނު ހަފްތާގައި އިތުރު 4 ކޭސް، މިހާތަނަށް ހިމަބިހީގެ 15 ކޭސް ފެނިއްޖެ
މިދިޔަ ހަފްތާގެ ތެރޭގައި މާލެ ސަރަހައްދުން ހިމަބިހި (މީސްލްސް) ޖެހިފައިވާ އިތުރު ހަތަރު މީހަކު ފެނިފައިވާ ކަމަށާއި، މިއާއެކު މި އަހަރުގެ މިހާތަނަށް މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 15 އަށް އަރާފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ހާމަކޮށްފިއެވެ.
ރާއްޖެއިން ނައްތާލެވިފައިވާ ކަމަށް ކަނޑައަޅާފައިވާ ހިމަބިހީގެ ކޭސްތަކެއް އަލުން ފެންނަން ފަށާފައިވަނީ މިދިޔަ މަހުގެ ކުރީކޮޅު މާލެ ސަރަހައްދުންނެވެ. އެޗްޕީއޭ އިން ބުނި ގޮތުގައި ފާއިތުވި ހަފްތާގައި ފެނުނު އައު ކޭސްތަކާއެކު ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.
ހިމަބިހީގެ ކޭސްތައް އިތުރުވަމުންދާތީ، ބަލީގެ އަލާމާތްތައް ފެންނަ ނުވަތަ ޝައްކުކުރެވޭ މީހުންނަށް ފަސޭހައިން ޑޮކްޓަރަށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އައިޖީއެމްއެޗްގައި މިހާރު ވަނީ ހާއްސަ ހެލްޕް ޑެސްކެއް ގާއިމުކޮށްފައެވެ.
އަވައްޓެރި ގައުމުތަކާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރެމުންދާކަން ފާހަގަކުރަމުން އެޗްޕީއޭ އިން ބުނީ، މި ބަލީގެ މައިގަނޑު އަލާމާތްތަކަކީ ހުން އައުމާއެކު ހަންގަނޑުގައި ރަތް ބިހިތަކެއް ނެގުން ކަމަށެވެ. މިފަދަ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
ބަލިން ރައްކާތެރިވުމަށާއި ބަލި ފެތުރުން ހުއްޓުވުމަށް އެޗްޕީއޭ އިން ވަނީ އަންނަަނިވި އިރުޝާދުތައް ދީފައެވެ:
ހާލަތު ގޯސްވާނަމަ އަވަހަށް ސިއްހީ ފަރުވާ ހޯދުމާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުން.
ބަލީގެ އަލާމާތް ހުރިނަމަ އާންމު ދަތުރުފަތުރުގެ ވަސީލަތްތައް ބޭނުން ނުކުރުން.
ބަލީގެ ޓެސްޓު ހަދައިފިނަމަ ނަތީޖާ ލިބެންދެން އެކަހެރިވެގެން އުޅުން.
ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި، ވެކްސިން ފުރިހަމަކުރުން.
ބަލީގެ އަލާމާތެއް ހުރިނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން.
މި ބައްޔަކީ ވަރަށް ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށްވާތީ، އާންމު ރައްޔިތުން މިކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.






ރިއެކްޓް