ޚަބަރު

ސަރުކާރުން އަޅާނުލުމުން އެންމެފަހުން އިހުސާނު އަމިއްލައަށް ތުހުމަތުތައް ދޮގުކޮށްފި

10 ޖޫން 2026 - 12:20
ސަރުކާރުން އަޅާނުލުމުން އެންމެފަހުން އިހުސާނު އަމިއްލައަށް ތުހުމަތުތައް ދޮގުކޮށްފި

ކުރީގެ ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިނިސްޓަރު އިހުސާނުއަށް ކުރެއްވި ސީރިއަސް ތުހުމަތުތައް ސަރުކާރުން ދޮގު ނުކުރުމުން އިހުސާނު އަމިއްލައަށް އެ ތުހުމަތުތައް ދޮގުކޮށްފިއެވެ.

އިހުސާނު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ ޝަމްއާން ކުރައްވަނީ އެއްވެސް އަސާސެއް ނެތް، ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް ކަމަށެވެ.

"ޝަމްއާން އެ ކުރަނީ ސާބިތު ނުހިފޭ ދޮގު ތުހުމަތުތަކެއް. ތަކުރާރުކޮށް އެ ކުރާ ތުހުމަތުތަކާ ގުޅޭ އެއްވެސް ހެއްކެތް ނުވަތަ ޤަރީނާއެއް ނެތް އިރު، އޭނާ އެހަދަނީ ދޮގުކަން ކުރިންވެސް މީޑިޔާގައި އަޅުގަނޑު އޮންނާނީ ދަންނަވާފައި،" މިނިސްޓަރު ވިދާޅުވިއެވެ.

ޝަމްއާން ކުރެއްވި ތުހުމަތުތަކުގެ ތެރޭގައި، އޭނާ އިމިގްރޭޝަނާ ހަވާލުވެ ހުންނެވި ދުވަސްވަރު ވޯކްޕާމިޓް އެޕްރޫވްކުރުމާއި ކޯޓާ ވިއްކުމުގެ ތުހުމަތުތައް އޭނާގެ ބޮލުގައި އެޅުވުމުން އެކަން ބެލިބެލުމުން ސީދާ މިނިސްޓަރު އިހުސާނު ބަނގްލަދޭޝްގެ ވޯކްޕާމިޓް އެޕްރޫވްކޮށް، ކޯޓާއެއް 8000 ރުފިޔާއަށް އެޕްރޫވްކުރިކަން ޔަގީންވި ކަމަށް ވިދާޅުވެފައިވެއެވެ. އަދި އެ މައްސަލަ ރައީސުލްޖުމްހޫރިއްޔާއަށް ހުށަހެޅުއްވި ކަމަށްވެސް ޝަމްއާން ވިދާޅުވިއެވެ.

މީގެ އިތުރުން، ރާއްޖޭގެ ބޯޑާ ކޮންޓްރޯލް ސިސްޓަމް މިނިސްޓަރު އިހުސާނާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ގުޅިގެން ބޭރުގެ ބަޔަކަށް ވިއްކާލާފައިވާ ކަމަށްވެސް ޝަމްއާން ވަނީ ތުހުމަތު ކުރައްވާފައެވެ.

އަދި މީގެ އިތުރުން ޝަމްއާނުގެ މައްޗަށް 25 އަހަރުގެ ޖަލުހުކުމެއް އިއްވާފައިވާ މައްސަލައަކީ އިހުސާނު އަޑީގައި ހުރެގެން ޝާމްއާނު ފްރޭމްކޮށްގެން އުފެއްދި މައްސަލައެއް ކަމަށް ޝަމްއާން ތުހުމަތުކުރިއެވެ. ނަމަވެސް މިނިސްޓަރު އިހުސާނު ވިދާޅުވީ ޝަމްއާން ފްރޭމްކޮށްފައިވާ ކަމަށް ބުނާ ވާހަކައަކީ އެއްވެސް ހަގީގަތެއް އޮތް ވާހަކައެއް ނޫންކަން ފުލުހުން ހޯދާފައިވާ ހެކިތަކުން ސާފުވާ ކަމަށެވެ.

މި މައްސަލައިގައި ކަން ހިނގާފައިވާ ގޮތް ތަފްސީލުކޮށް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ފުލުހުންގެ މުއައްސަސާގައި އެދިވަޑައިގެންފައިވާނެ ކަމަށްވެސް މިނިސްޓަރު އިހުސާނު ވިދާޅުވިއެވެ.

ޝަމްއާނުގެ ތުހުމަތުތަކުގައި އިހުސާނުގެ އިތުރުން ރައީސް މުޢިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ހިމެނޭ އިރު، ސަރުކާރުގެ ތަރުޖަމާނު ދޮގުކުރެއްވީ ހަމައެކަނި ރައީސްއަށް ކުރެވޭ ތުހުމަތުތަކެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1