ޚަބަރު , ސިޔާސީ

މުއިއްޒު ސިހުރު ހައްދަވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި

9 ޖޫން 2026 - 10:56
މުއިއްޒު ސިހުރު ހައްދަވާ ކަމަށް ރައީސް ނަޝީދު ތުހުމަތު ކުރައްވައިފި

ޑރ. މުހައްމަދު މުއިއްޒަކީ ސިހުރު ހާހޫރައިން ކަންކަން ބަދަލުކުރެވޭނެ ކަމަށް ގަބޫލުކުރައްވާ ބޭފުޅެއް ކަމަށާއި، އެކަންކަމަށް އެމަނިކުފާނު ބަރޯސާވެވަޑައިގަންނަވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ތުހުމަތު ކުރައްވައިފިއެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގެ ކެމްޕޭނަށް ނ. މާފަރަށް ކުރެއްވި ޒިޔާރަތުގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ނަޝީދު ވިދާޅުވީ، އުކުޅަހުގައި ސިހުރު ހަދާ "ވަރަށް މޮޅު މީހަކު" ހުންނަ ކަމަށާއި، ޑރ. މުއިއްޒު އާންމުކޮށް އެ މީހާ ލައްވައި ސިހުރު ހައްދަވާ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. "ޑޮކްޓަރ. މުޢިއްޒު ވެސް ބައްލަވަނީ، ސިހުރު ކުޅުމުގެ ކަންކަމާއި، މިކަހަލަ ކަންކަމުން އަޅުގަނޑުމެންގެ ތެރެއަށް ބަދަލުތައް ގެނެވޭނެ ކަމަށް. އެބަހުރެޔޯ އުކުޅަހުގައި ހުންނަ ސިހުރު ކުޅޭ ވަރަށް މޮޅު މީހެއް. އޭނާ ލައްވާ ސިހުރު ކުޅުވުން، އެއީ އާންމުކޮށް ކުރާ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ނަޝީދު ވަނީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ދަރަނީގެ މައްސަލަތަކަށް ވެސް އަލިއަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ދަރަނި ރީސްޓްރަކްޗާ ކުރަން ޖެހޭ ކަމަށާއި، ބޭރުގެ ފަރާތްތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ބަދަލުގައި އެ ފައިސާ ރާއްޖޭގެ ތަރައްގީއަށާއި ގެދޮރު އެޅުމަށް ބޭނުންކުރެވޭނެ ގޮތްތަކެއް ހޯދަން ޖެހޭ ކަމަށެވެ. ޚާއްސަކޮށް ޔޫރަޕްގެ ޕެންޝަން ފަންޑުތަކުން ނަގާފައިވާ ދަރަނިތަކާ މެދު އަލުން މަޝްވަރާކުރަން ޖެހޭ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގެދޮރުވެރިކަމުގެ މައްސަލައަށް ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ ފްލެޓްތައް އަޅާފައިވީ ނަމަވެސް، އެ ތަންތަނަށް ދައްކަންޖެހޭ ކުލި ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދަތިތަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މަހަކު 7،000 އާއި 12،000 އާ ދެމެދުގެ އަދަދެއް ދެއްކުމުގެ ބަދަލުގައި، މަހަކު 2،000 ނުވަތަ 3،000 ރުފިޔާ ދައްކައިގެން ދިރިއުޅެވޭނެ ގޮތްތަކެއް އެމްޑީޕީން ހޯދައިދޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަޝީދު އިތުރަށް ވިދާޅުވީ، އެމްޑީޕީއަކީ ތަރައްގީގެ ވިސްނުން ހުރި ޕާޓީއެއް ކަމަށާއި، ސިހުރު ފަދަ ކަންކަމަށް ބަރޯސާވެގެން ތަރައްގީ ނުގެނެވޭނެ ކަމަށެވެ. އަދި 2028 ވަނަ އަހަރުގެ ކުރިން ކައުންސިލްތައް މެދުވެރިކޮށް ރަށްރަށުގައި ގެދޮރު އެޅުމުގެ މަޝްރޫއުތައް ހިންގޭނެ ގޮތްތަކެއް ހޯއްދަވާނެ ކަމުގެ އުންމީދު އޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 3
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0