ޚަބަރު

މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑެތި ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް

11 ޖޫން 2026 - 10:37
މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާނަމަ ބޮޑެތި ޖޫރިމަނާ ކުރެވޭނެ ގަވާއިދެއް

މިންގަނޑުތަކާ ޚިލާފަށް ކާބޯތަކެތި ބަންދުކޮށް، ލޭބަލްކުރާ ފަރާތްތައް ބޮޑު އަދަދުތަކުން ޖޫރިމަނާ ކުރެވޭގޮތަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އާ ގަވާއިދެއް އެކުލަވާލައި އަމަލުކުރަން ފަށައިފިއެވެ.

މި ގަވާއިދުގައި ރާއްޖެއަށް އެތެރެކުރާ، ރާއްޖޭން ބޭރުކުރާ އަދި ރާއްޖޭގައި ވިއްކާ ކާބޯތަކެތީގެ ބާވަތްތައް ބަންދުކޮށް، ލޭބަލްކޮށްފައި ހުންނަންޖެހޭ މިންގަނޑުތައް ވަނީ ތަފްސީލުކޮށް ބަޔާންކޮށްފައެވެ.

އަލަށް އެކުލަވާލި ގަވާއިދުގައިވާ ގޮތުން، ކާބޯތަކެތި ބަންދުކުރަންވާނީ އެކަމަށް ޚާއްޞަކޮށްފައިވާ 'ފުޑް ގްރޭޑަޑް' މެޓީރިއަލްތަކުގައެވެ. އެއްފަހަރު ބޭނުންކުރުމަށްފަހު އުކާލަން ހަދާފައި ހުންނަ ޕެޓް ފުޅިފަދަ ތަކެތީގައި ކާބޯތަކެތި ބަންދުކުރުމަކީ މި ގަވާއިދުގެ ދަށުން މަނާކަމެކެވެ. އަދި އަސްލު އޮޅޭގޮތަށް ލޭބަލްކޮށްފައިވާ ކާބޯތަކެތި އެތެރެކުރުމާއި ވިޔަފާރީގެ ބޭނުމަށް އުފައްދައި ބަންދުކުރުމަކީ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.

މި ގަވާއިދާ ޚިލާފުވާ ފަރާތްތައް 10,000 ރުފިޔާ އާއި 750,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. އެގޮތުން ފުރަތަމަ ފަހަރަށް 10,000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް 7 ދުވަހަށް ހިފަހައްޓާއިރު، ތިންވަނަ ފަހަރަށް ކުށް ތަކުރާރުކޮށްފިނަމަ 750,000 ރުފިޔާއިން ޖޫރިމަނާކޮށް ލައިސަންސް ނުވަތަ ރަޖިސްޓްރީ ބާތިލުކުރެވޭނެއެވެ. މީގެ އިތުރުން، ލޭބަލްގެ އަސްލު އޮޅުވާލުމުގެ ސަބަބުން މީހެއްގެ ސިއްޙަތަށް ގެއްލުމެއް ލިބިއްޖެނަމަ 1,000,000 ރުފިޔާއާ ހަމައަށް ޖޫރިމަނާކުރުމުގެ ބާރު އެމްއެފްޑީއޭއަށް ލިބިގެންވެއެވެ.

ޕެކޭޖްކުރުމުގެ މިންގަނޑާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރާނެ އުސޫލުތަކަކީ:

  • ފުރަތަމަ ފަހަރަށް: 5,000 ރުފިޔާ
  • ދެވަނަ ފަހަރަށް: 25,000 ރުފިޔާ
  • ތިންވަނަ ފަހަރަށް: 50,000 ރުފިޔާ
  • ހަތަރުވަނަ ފަހަރަށް: 75,000 ރުފިޔާ
  • ފަސްވަނަ ފަހަރަށް: 100,000 ރުފިޔާ

މި ގަވާއިދަށް މިހާރު އަމަލުކުރަން ފަށާފައިވާއިރު، މީގެ ކުރިން އަމަލުކުރަމުން އައި ޤައުމީ މިންގަނޑު ވަނީ އުވާލާފައެވެ. ނަމަވެސް، މިހާރު ބޭނުންކުރަމުންދާ ލޭބަލްތަކާއި ޕެކޭޖިންތައް އައު ގަވާއިދަށް ފެއްތުމަށް ވިޔަފާރިވެރިންނަށް 6 މަސް ދުވަހުގެ މުއްދަތެއް ވަނީ ދީފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 1
މަޖާ މަޖާ 0