މާލެއަށް އުދަ އަރައި ފެން ބޮޑުވަމުންދާތީ ފެން ހިންދުމުގެ މަސައްކަތް ފަށައިފި
މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު ހަވީރުން ފެށިގެން އުދަ އަރައި، މަގުތަކުގައި ފެންބޮޑުވަމުންދާތީ އެމްއެންޑީއެފް އިން ފެން ހިންދުމުގެ މަސައްކަތް ފަށައިފިއެވެ.
މިއަދު ހަވީރުން ފެށިގެން އުދައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ކާނިވާ ސަރަހައްދުގެ އިތުރުން ބޮޑުތަކުރުފާނުމަގު އަލަށް ހެދި ސަރަހައްދަށެވެ. މި ސަރަހައްދުތަކަށް ރާޅު އަރައި، މަގުމަތީގައި ބޮޑު ސަރަހައްދެއްގައި ވަނީ ފެންބޮޑުވެފައެވެ.
އެމްއެންޑީއެފް އިން ބުނީ މާލޭގެ މަގުތަކަށް އުދަ އަރައި ފެން ބޮޑުވަމުންދާތީ، ފެން ހިންދުމުގެ މަސައްކަތް ފަޔާ އެންޑް ރެސްކިޔު ސާވިސް އިން މިހާރު ކުރަމުން އަންނަ ކަމަށެވެ. ސިފައިން ދަނީ ޕަންޕު ބޭނުންކޮށްގެން މަގުތަކުން ފެން ހިންދުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރަމުންނެވެ.
މެޓް އޮފީހުން ވަނީ ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައެވެ. އެ އިދާރާ އިން ހާމަކޮށްފައިވާ ގޮތުގައި، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށާއި، ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް ބެލެވެއެވެ.
މީގެއިތުރުން، ރާޅުގެ އުސްމިން ހުންނާނެ ކަމަށް ލަފާކޮށްފައިވަނީ 2 ފޫޓާއި 5 ފޫޓާ ދެމެދުގެ އުސްމިނެއްގައެވެ. މި ދުވަސްވަރަކީ ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި އުދައިގެ އަސަރު ކުރުމުގެ ފުރުސަތު އޮތް ދުވަސްވަރެއްކަމަށްވާތީ، އާންމުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.






ރިއެކްޓް