އުދަ އަރާނެކަމަށް ލަފާކޮށް ރާއްޖޭގެ ބޮޑު ބަޔަކަށް އެލާޓު ނެރެފި
ރާއްޖޭގެ ބޮޑު ސަރަހައްދަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ސަރުކާރުގެ ކަމާބެހޭ އިދާރާއިން މިރޭ ހުދު ސަމާލު ނެރެފިއެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހާމަކޮށްފައިވާ ގޮތުގައި، މި އެލާޓު ނެރެފައިވަނީ މިރޭ 10:00 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ކ. އަތޮޅުން ފެށިގެން ދެކުނުގެ އަތޮޅުތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ލަފާކުރެއެވެ.
މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވެސް މާލޭގެ ބައެއް ސަރަހައްދުތަކަށް ވަނީ ވަރަށް ބޮޑަށް އުދަ އަރައި ފެންބޮޑުވެފައެވެ. ޚާއްސަކޮށް މާލޭ ކާނިވާ ސަރަހައްދާއި، އިންޑަސްޓްރިއަލް ވިލެޖު އަދި ނަސަންދުރަ ހޮޓާ ހުރި ސަރަހައްދަށް އުދަ އަރައި، ބައެއް ރެސްޓޯރެންޓުތަކަށް ވެސް އޭގެ އަސަރުކޮށް ގެއްލުންތަކެއް ލިބިފައިވެއެވެ.
މީގެ އިތުރުން، އުދަ އެރި ވަގުތު ފަޅުން ނުކުންނަން އުޅުނު ލޯންޗެއް އުރި، އޭގައި ތިބި ބަޔަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ވެސް ވަނީ ރިޕޯޓުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
ކުރިއަށް އޮތް ވަގުތުތަކުގައި ވެސް އުދަ އެރުމުގެ ފުރުސަތު އޮތުމާއެކު، އައްސޭރިފަށުގެ ދިރިއުޅެމުންދާ ރައްޔިތުންނާއި ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ.






ރިއެކްޓް