ޚަބަރު

ބޭރަށް ދާ ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފި

26 ޖުލައި 2026 - 10:05
ބޭރަށް ދާ ދިވެހިން ކުރާ ހޭދައާ ގުޅޭ ސާވޭ ފަށައިފި
ދިވެހިން ރާއްޖެއިން ބޭރުގައި ކުރާ ހޭދައާ ގުޅޭ ތަފާސްހިސާބުތައް އެއްކުރުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮޓޯރިޓީ (އެމްއެމްއޭ) އިން ޚާއްސަ ސާވޭއެއް ފަށައިފިއެވެ.
މިއީ 2018 ވަނަ އަހަރަށްފަހު މިފަދަ ސާވޭއެއް އެ އޮތޯރިޓީން ކުރިއަށްގެންދާ ފުރަތަމަ ފަހަރެވެ.

އެމްއެމްއޭއިން ހާމަކުރި ގޮތުގައި މި ސާވޭގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ބެލެންސް އޮފް ޕޭމަންޓްސްއާ ގުޅޭ ތަފާސްހިސާބުތައް ތައްޔާރުކުރުމަށް ބޭނުންވާ މުހިންމު މައުލޫމާތު ހޯދުމެވެ. މި ސާވޭ އަމާޒުކޮށްފައިވަނީ ރާއްޖެއިން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އަންނަ ދިވެހިންނަށެވެ. މި މަސައްކަތް މި މަހުގެ 25 އިން ފެށިގެން 31 ވަނަ ދުވަހުގެ ނިޔަލަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އެރައިވަލް ހޯލުގައި ކުރިއަށްދާނެއެވެ.

މި ސާވޭގައި މައިގަނޑު ގޮތެއްގައި އޮޅުންފިލުވާނީ ދަތުރުގެ މަގްސަދާއި، ދަތުރުކުރި ގައުމާއި، ޓިކެޓަށް ހޭދަވި މިންވަރާއި، ހުރުމުގެ ޚަރަދުގެ އިތުރުން ބޭސްފަރުވާއަށް ކުރި ޚަރަދެވެ. މީގެ އިތުރުން މުޅި ދަތުރަށް ޖުމްލަ ގޮތެއްގައި ހޭދަވި މިންވަރުގެ މައުލޫމާތު ވެސް މި ސާވޭގެ ދަށުން އެއްކުރެވޭނެއެވެ.

މި ސާވޭގައި ބައިވެރިވާ ފަރާތްތަކުގެ ޒާތީ މައުލޫމާތުގެ ރައްކާތެރިކަމާ ގުޅޭގޮތުން އެމްއެމްއޭއިން ވިދާޅުވީ، "ވަކިވަކި ފަރުދުންގެ ނަމާއި އެޑްރެސް ފަދަ އެއްވެސް މައުލޫމާތެއް މި ސާވޭގައި އެއް ނުކުރެވޭނެ" ކަމަށެވެ. އަދި އެއްކުރެވޭ ހުރިހާ މައުލޫމާތެއްގެ ސިއްރު ހިފަހައްޓާނެކަމުގެ ޔަގީންކަން ވެސް އެ އޮތޯރިޓީން ވަނީ ދީފައެވެ.

ސާވޭ ކުރިއަށްދާ މުއްދަތުގައި އެމްއެމްއޭގެ މުވައްޒަފުން އެއާޕޯޓުގެ އެރައިވަލް ހޯލުގައި ހަރަކާތްތެރިވަމުންދާނެއެވެ. މި ތަފާސްހިސާބުތަކަކީ ރާއްޖޭގެ އިގްތިސާދީ ދުވެލި ވަޒަންކުރުމަށް މުހިންމު މައުލޫމާތަކަށް ވާތީ، ހުރިހާ ފަރާތްތަކުން ވެސް މި ސާވޭއަށް ފުރިހަމަ އެއްބާރުލުން ދެއްވުމަށް އެމްއެމްއޭއިން ވަނީ އިލްތިމާސްކޮށްފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0