14 ބުރީގެ"މާލެ ކޯޓު ކޮމްޕްލެކްސް" އަޅަން އެމްޓީސީސީއާ ހަވާލުކޮށްފި
"މާލެ ކޯޓު ކޮމްޕްލެކްސް" ގެ ނަމުން ނަންދެވިފައިވާ މި މަޝްރޫއުގެ ދަށުން ތަރައްގީކުރާ އިމާރާތް ފަރުމާކޮށްފައިވަނީ މާލޭގައި ހުންނަ މުހިންމު ކޯޓުތަކަށް ބޭނުންވާ ޖާގަ ލިބޭނެ ގޮތަށެވެ. މީގެ ތެރޭގައި ހައި ކޯޓު، ސިވިލް ކޯޓު، ކްރިމިނަލް ކޯޓު، ފެމިލީ ކޯޓު، ޑްރަގް ކޯޓު އަދި ޖުވެނައިލް ކޯޓު ހިމެނެއެވެ. މީގެ އިތުރުން، ކޯޓުތަކުގެ އިދާރީ ކަންކަން ބަލަހައްޓާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ހިންގުމަށް ބޭނުންވާ ޖާގަވެސް މި އިމާރާތުގައި ހިމެނޭނެ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެއެވެ.
އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި މި އިމާރާތް ތަރައްގީ ކުރަނީ 29,490 އަކަފޫޓުގެ ސަރަހައްދެއްގައެވެ. މި މަސައްކަތް އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ޖުމްލަ 699.86 މިލިއަން ރުފިޔާއަށް، 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއު ނިމުމުން ޝަރުއީ ނިޒާމުގެ ތެރެއިން ހިދުމަތް ހޯދާ ރައްޔިތުންނަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށެވެ.
ޝަރުއީ ދާއިރާގެ ގިނަ ކޯޓުތަކެއް މިހާރު ހިންގަމުންދަނީ ވަރަށް ދުވަސްވީ ބާ އިމާރާތްތަކުގައެވެ. މިކަމުގެ ސަބަބުން ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމަކީ ޝަރީއަތްތައް ދިގުލައިގެން ދިއުމަށް ދިމާވާ އެއް ސަބަބު ކަމަށް ކޯޓުތަކުން ބުނެއެވެ.
މި މައްސަލައަށް ވަގުތީ ހައްލެއް ހޯދުމުގެ ގޮތުން ހުޅުމާލޭގައި ކުރިން ކޮވިޑް ފެސިލިޓީގެ ގޮތުގައި ބޭނުންކުރި އިމާރާތުގެ ބައެއް މަރާމާތުކޮށް، މިހާރު އެތަނުގައި ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ މަސައްކަތްތައް ކުރިއަށްދެއެވެ.






ރިއެކްޓް