ޚަބަރު

މުއިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލަން ނިޒާރު ގޮވާލައިފި

24 ޖުލައި 2026 - 15:07
މުއިއްޒުގެ ސަރުކާރުން އައްޑޫގެ ތަރައްގީއަށް ހުރަސްއެޅުން ހުއްޓާލަން ނިޒާރު ގޮވާލައިފި

އައްޑޫ ސިޓީގެ ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅުން ހުއްޓާލައި، ސަރުކާރުން އެއްބާރުލުން ދިނުމަށް އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގޮވާލައްވައިފިއެވެ. 

ފޭސްބުކް މެދުވެރިކޮށް އާންމުކުރެއްވި ވީޑިއޯ މެސެޖެއްގައި ނިޒާރު ވިދާޅުވީ، މި ސަރުކާރަށް ތިން އަހަރު ވެގެންދާއިރު އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށާއި، ކައުންސިލުން ކުރާ މަސައްކަތްތަކަށް ސަރުކާރުން ގަސްދުގައި ހުރަސްއަޅަމުންދާ ކަމަށެވެ.

ނިޒާރު ވިދާޅުވި ގޮތުގައި، އައްޑޫ ސިޓީގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ސަވާހިލި ރަށް ޓޫރިޒަމް މަސައްކަތަށް ދޫކުރުމަށް ހުއްދައަށް އެދި ރައީސް އޮފީހަށް ސިޓީ ފޮނުވިތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެގެންދިޔައިރުވެސް ޖަވާބެއް ނުދެއްވައި، އެންމެ ފަހުން އެރަށް ވަނީ ކައުންސިލްގެ އިހުތިސާސުން ވަކިކޮށްފައެވެ. "އަޅުގަނޑުމެންނަށް ސަރުކާރުގެ ތެރެއިން މައުލޫމާތު ލިބުނު. ލިބުނު މައުލޫމާތަކީ އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް އެދިގެން ކަމަށް ރައީސް މިކަން ކުރެއްވީ،"ނިޒާރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ އެތަނުގައި ސަރުކާރުން މަސައްކަތެއް ފަށައިފިނަމަ ފޭދޫގައި ތަރައްގީކުރާ ގެސްޓްހައުސްތަކުގެ އޮޕަރޭޝަނަށް ބުރޫއަރާނެ ކަމަށެވެ.

ފޭދޫ ޓޫރިޒަމް ޒޯނަށް ހަމަޖެހިފައިވާ ލުއި ލޯނުވެސް ސަރުކާރުން ހުއްޓުވާފައިވާ ކަމަށް މޭޔަރު ތުހުމަތު ކުރެއްވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ފޭދޫ ޒޯނުގައި މިހާރުވެސް 400 އެއްހާ ކޮޓަރީގެ މަސައްކަތް ނިމެން ގާތްވެފައިވާއިރު، ކައުންސިލްގެ އަމާޒަކީ 2028 އާ ހަމައަށް 1000 ކޮޓަރި ނިންމުމެވެ. މީގެ އިތުރުން ޝަންގްރިއްލާ އާއި ސައުތު ޕާމް ފަދަ ރިސޯޓުތަކުގެ މަސައްކަތްތައް ހުއްޓިފައިވާކަން ފާހަގަކުރައްވައި، ސަރުކާރުން އެކަންކަމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ ލިންކް ރޯޑުގެ މަސައްކަތް އާރުޑީސީއާ ހަވާލުކުރިތާ ދޮޅު އަހަރުވީއިރުވެސް، ބޮޑު މުސާރަދީފައި ގިނަ މުވައްޒަފުންތަކެއް ބައިތިއްބައިގެން "ޑްރާމާ" ކުޅުން ފިޔަވައި އަމަލީ މަސައްކަތެއް ނުފެންނަ ކަމަށް ނިޒާރު ވިދާޅުވިއެވެ. އަދި ކަރަންޓު މަޝްރޫއު ބަޔަކާ ހަވާލުކުރި ކަމަށް ބުނި ނަމަވެސް އެ ބަޔަކު ފެންނަން ނެތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނިޒާރު ވިދާޅުވީ ސަރުކާރުން ސަވާހިލު އަތުލީ އައްޑޫ ތަރައްގީއަށް ހުރަސް އެޅުމުގެ ނުބައި ނިޔަތުގައި ކަމަށާއި، އެތަން ތަރައްގީ ކުރެވޭނެ ސިޔާސަތެއް ސަރުކާރުގެ ނެތް ކަމަށެވެ.

މިނިވަން ދުވަސް ބޯމަތިވެފައިވާއިރު، އަތޮޅުތަކުގެ ރައްޔިތުންނަށް މާލީ އަދި އިދާރީ މިނިވަންކަމެއް ނެތް ކަމަށް މޭޔަރު ވިދާޅުވިއެވެ. "ސަރުކާރަށް ސަލާންޖަހަން، ރައީސުލްޖުމްހޫރިއްޔާ ބޮޑު ރަސްކަލަކަށް ހަދައިގެން އަޅުގަނޑުމެން އަބަދު ކުރުނީސްކޮށް އަބަދު ހުޝާމަދުކޮށްގެން ނޫނީ އެއްވެސް ކަމެއް ކުރެވޭ ހާލަތަކަށް ނާދޭ،" ނިޒާރު ވިދާޅުވިއެވެ.

އޭނާ ވަނީ ސަރުކާރުން މިފަދަ ހުރަސްތައް ނާޅައި ކައުންސިލާއި ރައްޔިތުންނާ މަޝްވަރާކޮށްގެން ތަރައްގީގެ ކަންކަން ކުރިއަށް ގެންދިއުމަށް ގޮވާލައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 1
ލޯބި ލޯބި 0
މަޖާ މަޖާ 0