ރިވެލި އެވޯޑު ހާސިލުކުރި ނުކުޅެދުންތެރިކަން ހުންނަ ޒުވާނަކު ފެނަކަ ވަޒީފާއިން ވަކިކޮށްފި
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ޝަރަފުވެރި "ރިވެލި އެވޯޑު" ހާސިލުކޮށްފައިވާ ހުނަރުވެރި ޒުވާނަކު ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ވަޒީފާއިން ވަކިކޮށްފިއެވެ.
މިކަން ހާމަކުރައްވާފައިވަނީ ޖެންޑަރ މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އިފްހާމް ހުސައިން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
އިފްހާމް ހާމަކުރެއްވި ގޮތުގައި، އުތުރުގެ ރަށަކަށް ނިސްބަތްވާ މި ޒުވާނަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމުގެ ސިޔާސަތުގެ ދަށުން ފެނަކައިގެ ރަށު އޮފީހުގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފެކެވެ. ނަމަވެސް، ރަށު ތެރޭގައި ކުރިމަތިވި ބުލީކުރުމުގެ މައްސަލަތަކާ ގުޅިގެން އެ ޒުވާނާގެ ނަފްސާނީ ދުޅަހެޔޮކަމަށްޓަކައި އާއިލާއިން ވަނީ މާލެއަށް ދިރިއުޅުން ބަދަލުކޮށްފައެވެ.
އާއިލާ މާލެއަށް ބަދަލުވުމާ ގުޅިގެން ފެނަކައިގެ މާލޭ އޮފީހުން ވަޒީފާ ހަމަޖައްސައިދިނުމަށް އެދުމުން، އެ ކުންފުނިން ޖަވާބު ދީފައިވަނީ މާލޭ އޮފީހުގައި ޖާގަ ނެތް ކަމަށެވެ. އަދި ހަތަރު މަހުގެ މުސާރަ ދިނުމަށްފަހު ވަޒީފާއިން ވަކިވުމަށް އެ ޒުވާނާއަށް އަންގާފައިވާ ކަމަށް އިފްހާމް ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުން އިފްހާމް ވިދާޅުވީ، ސިޔާސީ ބޭނުންތަކަށްޓަކައި ފެނަކައިން އެތައް ހާސް މުވައްޒަފުންނަކަށް ވަޒީފާ ދެމުންދާއިރު، މިފަދަ ހާއްސަ އެހީތެރިކަމަށް ބޭނުންވާ ފަރާތެއްގެ ވަޒީފާ ޖާގަ ނެތް ކަމަށް ބުނެ ބަދަލުކޮށް ނުދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. "މިއީ އެކަނިވެރި މައެއްގެ ގޮތުގައި ދަރިފުޅު ބަލަހައްޓަމުންދާ އެ މަންމައަށް ލިބުނު ބަރުދާސްނުކުރެވޭވަރުގެ ބޮޑު މާޔޫސްކަމެއް،" އިފްހާމް ވިދާޅުވިއެވެ.
އެ ޒުވާނާގެ މަންމަ މިހާރުވެސް ޖެންޑަރ މިނިސްޓްރީގައި އާދޭސްކުރަމުންދަނީ ދަރިފުޅު ބިކަވިޔަނުދީ ވަޒީފާގެ ފުރުސަތެއް ހޯދައިދިނުމަށެވެ. އިފްހާމް ވަނީ މިފަދަ ނާޒުކު ހާލަތްތަކުގައި ތިބޭ ފަރާތްތަކަށް އިހުމާލުނުވެ، އެ ޒުވާނާއަށް ވަޒީފާގެ ފުރުސަތު އަލުން ހަމަޖައްސައިދިނުމަށް ސަރުކާރަށް ގޮވާލައްވާފައެވެ.






ރިއެކްޓް