ޚަބަރު

ޕީއެންސީގެ އިންތިހާބުގައި ސްކޫލަށް ގެއްލުންދިން މައްސަލަ: ފިޔަވަޅު ނާޅައި ދިނީ ނަސޭހަތް

22 ޖުލައި 2026 - 12:34
ޕީއެންސީގެ އިންތިހާބުގައި ސްކޫލަށް ގެއްލުންދިން މައްސަލަ: ފިޔަވަޅު ނާޅައި ދިނީ ނަސޭހަތް

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިދިޔަ ޖުލައި މަހުގެ 11 ވަނަ ދުވަހު ބޭއްވި އެތެރޭގެ އިންތިހާބުގެ ތެރެއިން ކާމިލު ދީދީ ސްކޫލުގެ މުދަލަށް ގެއްލުންދިން މައްސަލައިގައި އެ ޕާޓީއަށް އެއްވެސް ފިޔަވަޅެއް ނާޅައި އެކަހަލަ ކަންކަން ތަކުރާރު ނުވާގޮތަށް އިންތިޒާމުކުރަން ޕާޓީގެ ލީޑާޝިޕަށް ނަސޭހަތްތެރިވެއްޖެއެވެ.

އީސީގެ ތަރުޖަމާނު ހަސަން ޒަކަރިއްޔާ ވިދާޅުވީ، ކާމިލު ދީދީ ސްކޫލަށް ލިބުނު ގެއްލުމުގެ ޒިންމާ ޕީއެންސީން އުފުލައި، އެ ގެއްލުމުގެ ބަދަލު ދިނުމަށް އެއްބަސްވެފައިވާތީ މިވަގުތު އިތުރު ފިޔަވަޅެއް އަޅަން ނުވިސްނާ ކަމަށެވެ.

"އެކަމަކު އެމީހުންނަށް އީސީގެ މެންބަރުންގެ ސައިޑުން ލީޑާޝިޕަށް އަންގާފައިވާނެ ކުރިއަށް އޮތްތާގައި އެކަހަލަ ކަންކަން ކުރާއިރުގައި ރައްކާތެރިކަން އިސްކޮށްގެން، އެކަހަލަ ކަމެއް ތަކުރާރު ނުވާނެ، ދައުލަތުގެ މުދަލަށް ގެއްލުން ނުވާ ގޮތަށް ކަންކަން އިންތިޒާމުކުރަން،" ޒަކަރިއްޔާ ވިދާޅުވިއެވެ.

ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި އެ ސްކޫލުގައި ހިނގި މާރާމާރީއާ ގުޅިގެން ފުލުހުން މިހާތަނަށް ތިން މީހަކު ހައްޔަރުކޮށްފައިވެއެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ޕީއެންސީގެ އުމުރުން ދުވަސްވީ މެންބަރަކަށް ޕެނިކް އެޓޭކެއް ޖެހިފައިވާއިރު، ގިނަ އަދަދެއްގެ މެންބަރުންނަށް އެކިވަރުގެ އަނިޔާ ލިބިފައިވެއެވެ. މީގެ އިތުރުން، ބައެއް ފަރާތްތަކުން ފުލުހުންގެ ވާޖިބަށް ހުރަސްއަޅައި މާރާމާރީ ހިންގާ މަންޒަރު ފެންނަ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ.

މި މާރާމާރީގައި ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެއިންބެ) ގެ ދަރިކަލުންނާއި، ރައީސް އޮފީހުގެ ބައެއް ސިޔާސީ މުވައްޒަފުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވެއެވެ. ޕީއެންސީގެ ބައެއް މެންބަރުން ތުހުމަތު ކުރާ ގޮތުގައި މިއީ މެންބަރު ހުސެއިންބެ ފޮނުވި ގްރޫޕަކުން ހިންގި ކަމެކެވެ. ނަމަވެސް މެންބަރު ހުސެއިންބެ ވަނީ އެ ތުހުމަތުތަކަށް އިންކާރު ކުރައްވާފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0