ރަސްމީ ދަތުރުފުޅެއްގައި ކޮމިޝަނަރ އޮފް ޕޮލިސް ފުރާވަޑައިގެންފި
އެމެރިކާގެ ފެޑަރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފް.ބީ.އައި) އާއި ރޯޔަލް ތައި ޕޮލިސް ގުޅިގެން ބާއްވާ މުހިންމު ސަމިޓެއްގައި ބައިވެރިވެވަޑައިގަތުމަށް، ކޮމިޝަނަރ އޮފް ޕޮލިސް ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ.
މި ދަތުރުފުޅަކީ 2026 ޖުލައި 20 އިން 21 އަށް ތައިލެންޑްގައި ބޭއްވުމަށް ހަމަޖެހިފައިވާ "ރީޖަނަލް ސަމިޓް އޮން ސްކޭމް ސެންޓަރ ކޮމްޕައުންޑްސް އެންޑް ޓްރާންސްނޭޝަނަލް އޯގަނައިޒްޑް ކްރައިމް" ގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މި ސަމިޓަކީ ސަރަހައްދީ ފެންވަރުގައި ހިންގާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތް ކުރުމަށް އަމާޒުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.
މި ދަތުރުފުޅުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ސަރަހައްދީ އަދި ބައިނަލްއަގުވާމީ ލޯ އެންފޯސްމަންޓް އިދާރާތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުން ހިމެނެއެވެ. މީގެ އިތުރުން، ބޯޑަރު ހުރަސްކޮށް ރާވައިގެން ހިންގާ ބޮޑެތި ކުށްތަކާއި، ސްކޭމްތައް ހިންގާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މި ސަމިޓުގައި މަޝްވަރާ ކުރެވޭނެއެވެ.
ކޮމިޝަނަރ އޮފް ޕޮލިސްގެ މި ދަތުރުފުޅުގައި ދިވެހި ފުލުހުންގެ ހިދުމަތުގެ ފެންވަރު މަތިކުރުމަށާއި، ފުލުހުންނަށް ބޭނުންވާ އިތުރު ތަމްރީން ފުރުސަތުތައް ހޯދުމަށްވެސް މަސައްކަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިފަދަ ބައިނަލްއަގުވާމީ ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގައި ހިންގާ ސްކޭމްތަކާއި އެހެނިހެން ކުށްތައް ހުއްޓުވުމަށް ބައިނަލްއަގުވާމީ އެހީތެރިކަން ލިބިގެންދާނެއެވެ.






ރިއެކްޓް