ޚަބަރު

ތަކުރާރުކޮށް އެންގުމުން ވެސް މައުލޫމާތު ނުދޭތީ ރައީސް އޮފީސް ޖޫރިމަނާކޮށްފި

13 ޖުލައި 2026 - 16:17
ތަކުރާރުކޮށް އެންގުމުން ވެސް މައުލޫމާތު ނުދޭތީ ރައީސް އޮފީސް ޖޫރިމަނާކޮށްފި
އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު، ފޮޓޯ: ދައުރު

މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ހޯދަން އެދުނު މައުލޫމާތުތަކެއް، އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އިން ތަކުރާރުކޮށް އެންގުމުން ވެސް ދީފައިނުވާތީ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް 2،000 ރުފިޔާ އިން ޖޫރިމަނާކޮށްފިއެވެ.

މި ނިންމުން ނިންމާފައިވަނީ ރާއްޖެ ޓީވީން މައުލޫމާތު ހޯދުމަށް ހުށަހެޅި ފަސް ހުށަހެޅުމަކަށް ރައީސް އޮފީހުން ޖަވާބު ދީފައިނުވާތީ މިއަދު ބޭއްވި އަޑުއެހުމުގައެވެ.

މިއީ މައުލޫމާތު ނުދީގެން ރައީސް އޮފީސް ޖޫރިމަނާކުރި ފުރަތަމަ ފަހަރެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހުމަދު އާހިދު ރަޝީދު ވިދާޅުވީ، ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުގައި މައުލޫމާތު ނުދިނުމުން ބޭއްވި ފުރަތަމަ އަޑުއެހުމުގައި ދިން ފުރުސަތުގައި ވެސް މައުލޫމާތު ދީފައިނުވާ ކަމަށެވެ. އަދި މިއީ އައިކޮމްގެ އެންގުމާ ހިލާފުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އެ އެންގުމަށް އެ އިދާރާއިން އެއްގޮތަކަށް ވެސް އަމަލުކޮށްފައިނުވާ ނުވުމަކީ، ގާނޫނުގައި މި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތައް އަދާކުރުމަށް ހުރަސްއެޅުން ގޮތުގައި ބެލެވޭނެ އަމަލަކަށްވާތީވެ އަޅުގަނޑު މި ގަސްދުކުރަނީ ޖޫރިމަނާކުރުމަށް،" އާހިދު ވިދާޅުވިއެވެ.

ރައީސް އޮފީހަށް ދެވޭ މުއްދަތުތަކުގެ ތެރޭގައި މައުލޫމާތު ނުދޭ މައްސަލައިގައި މީގެ ކުރިން ވެސް އައިކޮމުން ވަނީ އެތައް ފަހަރަކު އިންޒާރު ދީފައެވެ. ބައެއް މައްސަލަތަކުގައި ފަހު ފުރުސަތު ދިނުމަށްފަހު، ދެން ވެސް މައުލޫމާތު ނުދޭނަމަ އެ މައްސަލަ ޕްރޮސެކިއުޓަ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާނެ ކަމަށް ވެސް އައިކޮމުން މީގެ ކުރިން ބުނެފައިވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 2
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 1