ޚަބަރު , ސިޔާސީ

އެމްޑީޕީގެ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަން މިރޭ އާޓިފިޝަލް ބީޗުގައި!

12 ޖުލައި 2026 - 16:16
އެމްޑީޕީގެ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަން މިރޭ އާޓިފިޝަލް ބީޗުގައި!
އެމްޑީޕީން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގެ ތެރެއިން. ފޮޓޯ: ވިރާސީ

ރާއްޖޭގެ އިގްތިސާދީ ހާލަތާއި ޑޮލަރުގެ ތަދުމަޑުކަމާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އިދިކޮޅު އެމްޑީޕީން ބާއްވާ "ޑޮލަރެއް ނެތް" ޕެނަލް ޑިސްކަޝަން މިރޭ އާޓިފިޝަލް ބީޗުގައި ބޭއްވުމަށް އެ ޕާޓީން ނިންމައިފިއެވެ.

މި ހަރަކާތް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 20:30 ގައެވެ.

މި ޕެނަލް ޑިސްކަޝަންގައި ޕެނަލިސްޓުންގެ ގޮތުގައި ބައިވެރިވެވަޑައިގަންނަވާނީ އެމްޑީޕީ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އީވާ އަބްދުﷲ އާއި ކުރީގެ މަޖިލިސް މެންބަރު އިލްޔާސް ލަބީބު އެވެ. މި ޕެނަލްގެ މޮޑަރޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ދީދީ އެވެ. 

ސަރުކާރުން ޑޮލަރުގެ މައްސަލަ ހައްލުކުރުމުގައި ނުކުޅެދިފައިވާ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޑުކިޔަމުންދާ މި ދަނޑިވަޅުގައި، މި ޕެނަލް ޑިސްކަޝަންގައި ރާއްޖޭގެ މާލީ ހާލަތާއި ޑޮލަރުގެ ދަތިކަން ކުރިމަތިވާން މެދުވެރިވި ސަބަބުތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވޭނެ ކަމަށް ބެލެވެއެވެ.

ރާއްޖޭގެ ބާޒާރުގައި ޑޮލަރު ލިބުން ދަތިވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލެމުންދާތީ އާންމުންނާއި ވިޔަފާރިވެރިންގެ ކަންބޮޑުވުންތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. އެމްޑީޕީން ބުނާ ގޮތުގައި މިފަދަ ހަރަކާތްތަކުގެ ބޭނުމަކީ މިހާރުގެ އިގްތިސާދީ ހަގީގަތްތައް ރައްޔިތުންނަށް ސާފުކޮށްދިނުމެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0