ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ރައީސްއޮފީހުން ބަހަނާދައްކާތީ އައިކޮމުގެ އިންޒާރެއް
ރައީސް މުޢިއްޒުގެ ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދު ހާމަނުކުރުމަށް ރައީސްއޮފީހުން ބަހަނާދައްކާތީ އެ މަޢުލޫމާތު 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދު ރައީސްއޮފީހަށް އަންގައިފިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރުން އައްޔަންކުރި ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިކުރި އަދި އިސްތިއުފާދެއްވި މުވައްޒަފުންގެ އަދަދާއި، އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކަށް ހިނގި ޚަރަދުގެ ތަފްސީލް މާދަމާއިން ފެށިގެން މަސައްކަތު 14 ދުވަހުގެ ތެރޭގައި ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަޙްމަދު އާހިދު ރަޝީދު ރައީސް އޮފީހަށް އެްނގެވީ "އަދަދު" ނޫހުން އެދުނު އެ މަޢުލޫމާތު ނުދީ ހިފަހައްޓާތީ މިއަދު ރައީސްއޮފީހާއެކު ބޭއްވި ބައްދަލުވުމެއްގައެވެ..
މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނު (އާރްޓީއައި ޤާނޫނު) ގެ ދަށުން "އަދަދު" ނޫހުން ރައީސް އޮފީހަށް ހުށަހެޅި ރިކުއެސްޓުގައި އެދުނީ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ޅ) ގެ ދަށުން 2023 އިން 2026 އަށް އައްޔަންކުރެއްވި ސިޔާސީ މުވައްޒަފުންގެ އަދަދާއި، ވަކިވި މުވައްޒަފުންގެ އަދަދާއި، ޖުމްލަ ޚަރަދު ހޯދުމަށެވެ.
ޤާނޫނީ މުއްދަތު ފަހަނައަޅައި ދިޔައިރު ވެސް ރައީސް އޮފީހުން އެ މައުލޫމާތު ފޯރުކޮށްދީފައެއް ނުވެ އެވެ. އައިކޮމުން މާޗު 8 ގައި 10 ދުވަހުގެ ފުރުޞަތެއް ދިނުމުން ވެސް، އަޑުއެހުން ފެށެން ކުޑަތަންވެފައި ވަނިކޮށް ރައީސް އޮފީހުން ދިނީ ރިކުއެސްޓާ ނުގުޅޭ ޖަވާބެކެވެ. އެ ޖަވާބުގައި ބުނީ "ސިޔާސީ މުވައްޒަފުންގެ ފެންވަރު ބެލުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ނިމުމުން މައުލޫމާތު ދޭނެ" ކަމަށެވެ. ނަމަވެސް އެއީ ހުށަހެޅި ސުވާލާ ގުޅުމެއް ނެތް ބަހަނާއެއް ކަމަށް ކޮމިޝަނަރު ފާހަގަކުރެއްވި އެވެ.
އާރްޓީއައި ޤާނޫނުގެ ދަށުން އިންފޮމޭޝަން ކޮމިޝަނަރަށް ލިބިދޭ ބާރުތަކުގެ ތެރޭގައި ދައުލަތުގެ އިދާރާތަކުން މައުލޫމާތު ދޫކުރުމަށް އެންގުމާއި، އެ އެންގުމާ ޚިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުން ހިމެނެ އެވެ. އޭގެ ތެރޭގައި ދަޢުވާކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެއެވެ.






ރިއެކްޓް