ޚަބަރު

ވަކި މީހަކު ބުނުމުން އަލްހަމްދު ނުކިޔޭނޭ ބުނުމަކީ ގޯހެއް، އެހެނެއް ނުބުނެވޭނެ: ޝެއިޚް އިލްޔާސް

29 ޖޫން 2026 - 21:49
ވަކި މީހަކު ބުނުމުން އަލްހަމްދު ނުކިޔޭނޭ ބުނުމަކީ ގޯހެއް، އެހެނެއް ނުބުނެވޭނެ: ޝެއިޚް އިލްޔާސް
ޝެއިޚް އިލްޔާސް -- ފޮޓޯ: ސަން

"އަލްހަމްދު" ކިޔުމަށް ވަކި މީހަކު ގޮވާލުމުން އެކަމަށް އިންކާރުކޮށް ދެކޮޅުހަދަންޖެހޭނެކަމަށް ބުނުމަކީ ގޯހެއް ކަމަށާއި އެފަދައިން ނުބުނެވޭނެކަމަށް ޝެއިޚް އިލްޔާސް ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ލީޑަޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އެކަމާ ދެކޮޅު ހަދަންޖެހޭ ކަމަށް މައްޗަންގޮޅި އުތުރު ދާއިރާގެ ޕީއެންސީ މެންބަރު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވުމުން އެކަމާއި ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބުދެއްވަމުން ޝެއިޚް އިލްޔާސް ވިދާޅުވީ ރަނގަޅު ހެޔޮ ކަމެއް ކުރުމަށް ކޮންމެ މީހަކު ބުނި ނަމަވެސް ރަނގަޅު ކަން ވާނީ ރަނގަޅު ކަމަކަށް ކަމަށެވެ. އަދި ހެޔޮ ކަމެއް ކުރުމުގައި އެކަމަށް ގޮވާލާ މީހާއަކީ ގޯސްމީހެއްތޯ ރަނގަޅުމީހެއްތޯ ބެލުމަކީ އޮންނަ ކަމެއް ނޫންކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ.

"ހުރިހާ މެންބަރުންނަށް ދަންނަވާލާނީ އެމްޑީޕީގެ މިވަގުތު އޮތް ލީޑާޝިޕުން އަލްހަމްދު ކިޔަން ބުންޏަސް އަޅުގަނޑުމެން ވާނޭ ދެކޮޅު ހަދަން" މެންބަރު އިބްރާހިމް (ޖަނާބު) މަޖިލީހުގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

ޝެއިޚް އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި އެއްވެސް ހުދޫދެއްނެތި، އަޚްލާގީ ފެންވަރުދަށް ވާހަކަ މަޖިލިސް މެންބަރުން ދެއްކެވުމަކީ އާއްމުކަމަކަށް ވެފައިވާ ކަމެއް ކަމަށާއި އެފަދަ ވާހަކަތަކަށް މެންބަރުން ޒިންމާވާން ނުޖޭހޭކަމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ. އަދި އެއީ އެކަން އޮންނާންވާނޭ ގޮތް ނޫންކަމަށްވެސް ޝެއިޚް ވިދާޅުވިއެވެ. "މަޖިލީހުގަ އަވަގުރާނަވެސް ގޮވަނީ، އެތާ އެތެރޭގަ ގޮވީމަ މައްސަލައަކަށް ނުވޭ. ބޭރުގަ ގޮވީމަ މައްސަލައަކަށް މިވަނީ" މަޖިލިސް މެންބަރުންގެ އަޚުލާގީ ފެންވަރާމެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޝެއިޚް ވިދާޅުވިއެވެ. ޝެއިޚް އިތުރަށް ވިދާޅުވީ މިޒާތުގެ މައްސަލަތައް ފަތުވާ ކޮމިޓީއަށް ހުށަހެޅުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ.

މެންބަރު އިބްރާހިމް ޖަނާބު މިއަދު ދެއްކެވި ވާހަކަފުޅަށް ގިނަ ބައެއްގެ ފާޑުކިޔުން މިހާރުވެސް ވަނީ އަމާޒުވެފައެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 0
ސަކަރާތް ސަކަރާތް 0
ލޯބި ލޯބި 0
މަޖާ މަޖާ 0