އަންނަ ޖެނުއަރީގެ ނިޔަލަށް ހުރިހާ އަތޮޅެއްގައި އާރުޓީއެލްގެ ހިދުމަތް ފަށަނީ
އަންނަ އަހަރުގެ ޖެނުއަރީ މަސް ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ފެށުމަށް ވަޒީރުންގެ މަޖިލިހުން އިއްޔެ ނިންމައިފިއެވެ.
ރައީސް އޮފީހުން ހާމަކުރެއްވި ގޮތުގައި، މި ވިއުގަ މުޅި ރާއްޖޭގައި ގާއިމުކޮށް ހިދުމަތް ފެށުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ހާއްސަ އިސްކަމެއް ދީގެން ކުރުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުން އާންމުންނަށް ދޭ ހިދުމަތްތައް ހަރުދަނާކޮށް، ކަނޑައަޅާފައިވާ ސުންގަޑިތަކަށް މަޝްރޫއުތައް ނިންމުމުގެ މަގުސަދުގައި ވަޒީރުންގެ މަޖިލީހުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އެޅުމަށް ނިންމާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި އާރުޓީއެލްގެ ހިދުމަތް މިހާރު ނުފެށި ހުރި އަތޮޅުތަކުގައި އެ ހިދުމަތް އަވަހަށް ފެށުން ހިމެނެއެވެ.
އެމްޓީސީސީ މެދުވެރިކޮށް ސަރުކާރުން މިހާރު ވެސް އަންނަނީ ރާއްޖޭގެ 15 އަތޮޅެއްގެ 132 ރަށެއްގައި އާރުޓީއެލް ފެރީގެ ހިދުމަތް ދެމުންނެވެ. މިއީ ރާއްޖޭގެ ރަށްތައް ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށްޓަކައި ސަރުކާރުން ކުރިއަށް ގެންދަވާ އެންމެ މުހިއްމު އެއް މަޝްރޫއެވެ. އެންމެ ފަހުން މި ހިދުމަތް ފަށާފައިވަނީ ލ. އަތޮޅުގައެވެ.
މި މަޝްރޫއަކީ މުޅި ރާއްޖެ ތިން ފޭސްއަކަށް ބަހާލައިގެން، ހަ ޒޯންއަކަށް ރާއްޖޭގެ އަތޮޅުތައް ބަހާލައިގެން ކުރިއަށް ގެންދާ ގައުމީ ދަތުރުފަތުރުގެ މަޝްރޫއެކެވެ. މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ރައްޔިތުންނަށް ލުއިފަސޭހަ ކަމާއެކު ކުޑަ އަގެއްގައި، އަރާމުގައި ކަނޑުމަގުން ދަތުރުފަތުރު ކުރެވޭނެގޮތް މަގުފަހި ކުރުމެވެ.
މީގެ އިތުރުން، މި ޚިދުމަތް ފުޅާވުމަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުންވެސް ފައިދާހުރި ނިޒާމެއް ގާއިމްކުރުމަށް މަގުފަހިވެ، ރާއްޖޭގެ އަތޮޅުތަކުގެ ގުޅިފައިވާ ތަރައްގީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ. އަންނަ ޖެނުއަރީއަށް ހުރިހާ އަތޮޅެއް ގުޅާލެވުމުން، މުޅި ރާއްޖެއަށް މި ލުއިފަސޭހަކަން ލިބިގެންދާނެއެވެ.






ރިއެކްޓް