ސިޔާސީ

ބަރުލަމާނީ އާއި "ބޮޑު ބަދަލު" ގެ ތަފާތު މިސާލާއި އެކު ރައީސް ނަޝީދު ކިޔައިދެއްވައިފި

22 ޖޫން 2026 - 22:53
ބަރުލަމާނީ އާއި "ބޮޑު ބަދަލު" ގެ ތަފާތު މިސާލާއި އެކު ރައީސް ނަޝީދު ކިޔައިދެއްވައިފި

ރައީސް ނަޝީދު ރާއްޖެއަށް ގެންނަން ބޭނުންވާ "ބޮޑު ބަދަލު" އާއި ބަރުލަމާނީ ނިޒާމުގެ މުހިއްމު ތަފާތެއް މިސާލަކާއެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ތަފްސީލުކޮށްދެއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވަނީ އިނގިރޭސި ވިލާތުގެ ސިޔާސީ މަޝްރަހުގައި މިހާރު ހިނގަމުންދާ ކަންކަމަށް އަލިއަލުވާލައްވައި އެ ހާލަތާއި ބޮޑު ބަދަލާއި ހުރި ތަފާތެއް ފާހަގަކޮށްދެއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވި ގޮތުގައި، ބަރުލަމާނީ ނިޒާމެއްގައި ސަރުކާރުގެ ވެރިއަކަށް ހުންނަނީ ވެރިކަންކުރާ ޕާޓީގެ ލީޑަރެވެ. ނަމަވެސް "ބޮޑު ބަދަލު" ގެ ތެރެއިން ގެންނަން ބޭނުންވާ ނިޒާމުގައި ސަރުކާރުގެ ވެރިއަކީ ސީދާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރާ މީހެކެވެ.

މި ތަފާތު ސާފުކޮށްދެއްވުމަށް ރައީސް ނަޝީދު ވަނީ އިނގިރޭސިވިލާތުގެ ބަރުލަމާނީ ނިޒާމުގެ މިސާލެއް ދައްކަވާފައެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، އިނގިރޭސިވިލާތުގައި ސަރުކާރުގެ ވެރިއަކީ ބޮޑުވަޒީރެވެ. އަދި ބޮޑުވަޒީރަކީ މަޖިލީހުގެ އެންމެ ގިނަ ގޮނޑި ކާމިޔާބުކުރާ ޕާޓީގެ ލީޑަރެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އެކަން އިއުލާންކުރައްވާފައެވެ.

"އިނގިރޭސި ބޮޑުވަޒީރު އަދި ވެރިކަންކުރާ ޕާޓީގެ ލީޑަރު އިސްތިއުފާ ދެއްވުމުން އައު އިންތިޚާބެއް ނުބާއްވާނެ،" ރައީސް ނަޝީދު ވިދާޅުވިއެވެ. އެމަނިކުފާނު އިތުރަށް ބަޔާންކުރެއްވި ގޮތުގައި، ބޮޑުވަޒީރު އިސްތިއުފާ ދެއްވުމުން ނުވަތަ ޕާޓީން އޭނާ މަގާމުން ވަކިކުރުމުން، ދެން ވެރިއަކަށް ހޮވާނީ އެ ޕާޓީން ހޮވާ އައު ލީޑަރެވެ. އެ ލީޑަރަކީ މަޖިލިސް މެންބަރުންގެ ތެރެއިން ހޮވޭ މީހެކެވެ.

ނަމަވެސް ރައީސް ނަޝީދު ރާއްޖެއަށް ގެންނަވަން ބޭނުންވާ ބޮޑު ބަދަލުގައި މިކަން ހިނގާނީ މިމޭރުމުން ނޫން ކަމަށާއި ބޮޑު ބަދަލުގެ އެންމެ އަސާސީ އެއް ސިފައަކީ ސަރުކާރުގެ ވެރިޔާ ރައްޔިތުންގެ ވޯޓުން އިންތިޚާބުކުރަން ޖެހުންކަން ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

ރައީސް ނަޝީދު މިފަދައިން ޕޯސްޓުކުރައްވާފައި މިވަނީ އެމަނިކުފާނު ރާއްޖޭގެ ބޮޑުވަޒީރަކަށް ވުމަށް، ނުވަތަ ޕާޓީގެ ބާރުގައި ސަރުކާރުގެ ވެރިއަކަށް ވުމަށް ބޭނުންވާކަމަށް އެމަނިކުފާނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާތީ އޭގެ ރައްދެއް ކަމަށް ބެލެވެއެވެ.

ރިއެކްޓް

ރަނގަޅު ރަނގަޅު 1
ސަކަރާތް ސަކަރާތް 3
ލޯބި ލޯބި 0
މަޖާ މަޖާ 0